ޚަބަރު

ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު މާ ވަރުގަދަ: މާރިޔާ

އަލީ ޔާމިން

ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުވާހާ ވަރުގަދަވެފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށްދާ ޑިފެންސް ކޮންކްލޭވްގައި މިނިސްޓަރު މާރިޔާ ދެއްވި ވީޑިއޯ މެސެޖަކާ ހަވާލާދީ "ޓައިމްސް އޮފް އިންޑިއާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު ކުރިއަށް ވުރެ ވަރުގަދައެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުކަމަށް މާރިޔާ ވިދާޅުވި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

"އިންޑިއާއަކީ ރާއްޖެއިން ގޮވާލި ކޮންމެ އިރެއްގައިވެސް އެހީވާ ގައުމެއް. އެގޮތުން 2004ގެ ސުނާމީ ކާރިސާ އާއި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައިވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއްް ލިބިފައި." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް 50 މިލިއަން ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި މިއަހަރުގެ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމަކީވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މުހިންމު އެހީއެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ވީޑިއޯ މެސެޖުގައި މިނިސްޓަރު މާރިޔާ ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރި އަދާކުރައްވައިފައެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު ވަރުގަދަކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާއިރު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި ހިނގާލުމެއް ބާއްވައިފައެވެ.