އަތޮޅުތެރޭގައި ބޭނުންކުރުމަށް ރާއްޖެ ގެނައި އެމްބިއުލާންސްތައް ކުރިއަށް އޮތް ތިން ދުވަސްތެރޭ އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ އެމްބިއުލާންސްތަކުގެ ފުރަތަމަ ޝިޕްމެންޓުގެ އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އެ އެމްބިއުލާންސްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އެސްޓީއޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގެންނަން ޖެހޭ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސެއް މިމަހުގެ އަށް ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެއީ ފުރަތަމަ ޝިޕްމެންޓެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މީގެ ކުރިން ވިދާޅުވެފައިވަނީ އިތުރު 20 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަތޮޅުތެރޭގައި އެމްބިއުލާންސްގެ އިތުރުން ސީ އެމްބިއުލާންސްގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ. އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ސުވާލުކުރެއްވުމުން މިދިޔަ އަންގާރަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވެފެއިވަނީ
ހިދުމަތް ނުދެވެނީ ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު