ވިޔަފާރިތަކަށް ފޯރުކޮށްދޭ ކަރަންޓު ހިދުމަތަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަހައި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ ސަރުކާރެއް ކަމަށެވެ.
ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް އެއް މައްސަލައަކީ ކަރަންޓު ބިލް ބޮޑުވުމުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގައި ކަރަންޓަށް ޗާޖު ކުރާ މިންގަނޑު އެއް މިންގަނޑަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މާލެ އާއި އަތޮޅުތެރޭގައި ކަރަންޓު ބިލް ތަކުގައި ހުންނަ ފަރަގު ކުޑަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ހައްލެއް ހޯދައިދޭން ޖެހިފައިވަނީ ވިޔަފާރިތަކުގެ ކަރަންޓު ބިލްތަކަށް ކަމަށާއި އެ ކަމަށްވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށް ފަހުގައި ފެނަކަ އާއި އެމްޑަބްލިޔުއެސްސީ އަދި ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއާއެކު އިށީނދެ މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން. އިރާދަކުރެއްވިއްޔާ މި ކަމަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ވިޔަފާރިތަކުގެ ކަރަންޓު ބިލަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ކަރަންޓު އަގުހެޔޮ ކުރަން ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ގަރާރެއްވެސް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު