ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ރާވައިފިއެވެ.

ރަށްރަށުގެ ކައުންސިލްތަކާވެސް ގުޅިގެން ޔޫތު މިނިސްޓްރީން މިފަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ގިނަ ކުޅިވަރު އަދި އިޖުތިމާއީ ހަރަކާތްތަކެއް ރާވާފައިވެއެވެ.

މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި މާލެ ސަރަހައްދުން ހުޅުމާލޭގައި ބާއްވާ ހަރަކާތްތައް ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ބީޗު ގިނަ ކުޅިވަރުތަކަކާއެކު ބާސްކެޓާއި ނެޓްބޯޅައިގެ އިތުރުން 2އޮން2 ފުޓުބޯޅައާއި އެއާ ބެޑްމިންޓަން އަދި ސްކޭޓިންވެސް ހިމެނެއެވެ.

މި އަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ގައެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އަބަދުވެސް ގިނަ ހަރަކާތްތަކެއް ރާވާކަން ފާހަގަކުރެވިފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަކުރުމުގެ އެއް މަގުސަދު ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. ރަސްމީ އިވެންޓުތަކަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި ތައްޔާރުވަމުންނެވެ.