މި ސަރުކާރު ދެމި އޮންނާނީ ޒުވާނުންނަކީ ބަދަލުގެ އެޖެންޓުން ކަމުގައި ބަލައިގަނެ، ޒުވާނުންނަށް އެއްބާރުލުންދީގެން ތަރައްގީއަށް މަސައްކަތްކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް އެކްސްގައި މިއަދު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އެއް އަމާޒަކަށް އެންމެން ގުޅިގެން މަސައްކަތްކުރާއިރު، ޒުވާނުންގެ އަޑު އިވި، އެ މީހުންގެ އަމަލުތައް ހުރިހާ ފެންވަރެއްގައި ހިމެނުމަށް ބާރުދޭ ފުޅާ ވިސްނުމަކަށް އެ މަނިކުފާނު އިލްތިމާސްކުރައްވާ ކަމަށެވެ.

އޭގެ ތެރޭގައި، ރަށްރަށުގެ މުޖުތަމައުތަކާއި ލޯކަލް ގަވަރުމަންޓްތަކާއި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގެ ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ސަރުކާރު ދެމި އޮންނާނީ ޒުވާނުންނަކީ ބަދަލުގެ އެޖެންޓުން ކަމުގައި ބަލައިގަނެ، ޒުވާނުންނަށް އެއްބާރުލުންދީގެން އެންމެން ޝާމިލްވާފަދަ މާހައުލެއްގައި، ތަރައްގީއަށް މަސައްކަތްކުރުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ތަރުބިއްޔަތުކޮށް، އަމިއްލަ މުސްތަގުބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެ މަނިކުފާނު ގޮވާލައްވާ ކަމަށެވެ.