އއ. ހިމަންދޫއިން - އަލީ ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އއ. ހިމަންދޫގެ ބަނދަރު ހުޅުވައިދެއްވައިފިއެވެ.

ރައީސް، ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވީ، އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު މިރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް މިރަށަށް ވަޑައިގަތުމުން މިރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މިރަށުގެ ބަނދަރު ތަރައްގީ ކުރުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 1 އޭޕްރީލް 2019 ގައެވެ. އަދި ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ 5 އޭޕްރީލް 2019 ގައެވެ.

އެ މަޝްރޫއުގެ ދަށުން 45,252 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 372 މީޓަރުގެ އެއްގަމުތޮށި ލުމާއި 251 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 147 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ހަތަރު މީޓަރު ފުޅާ ބުރިޖެއް ހެދުމާއި ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި މަޝްރޫއަކީ 49.93 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 20 ގައެވެ.