މި ފޮޓޯގައި ވަނީ ހިމޭން ކަމެވެ؛ ތަދެވެ، އިހުސާސްތަކެވެ. ހަ އަހަރުގެ ޖައިޝް ޖިނާހު އެ ހުރީ އޭނާގެ މަންމަ އަށް ހެޔޮ ދުއާ ކުރުމަށް އަތް އުފުލާލައިގެންނެވެ. އެކަމަކު، އޭގެ މަދު ގަޑިއިރުކޮޅެއް ކުރީން، ޖައިޝް ދިޔައީ އޭނާގެ މަންމަ އާ އެކު ހީނ ސަމާސާ ކުރަމުންނެވެ. އިނީ ލޯބިވާ މަންމަ ގާތުގަ އެވެ. މަންމަގެ ލޯތްބާއި ހިމާޔަތުން ފުރިގެންވި އޯގާތެރިކަން ޖައިޝްގެ ވަށައިގެން ވި އެވެ.
މަރުގެ ދަތުރަށް ޖައިޝް އާއި އޭނާގެ ކޮއްކޮ އާއި ބައްޕަ އާއި މަންމަ މިދިޔަ ހޮނިހިރު ދުވަހު ލޯންޗަށް އެރީ މިހެން ވާނެ ކަމަކަށް ނޫނެވެ. ދަތުރުކުރަން ލޯންޗަށް އަރައި، އާދަޔާހިލާފަށް ގަދަ ކަނޑުގައި ދުއްވަމުން ދަނިކޮށް ލޯންޗަށް އެރި ރާޅަކާ އެކު މާސިންގާ ގަދަ ކަނޑުގެ ތެރެޔަށް ނަގައި އެއްލައިލީ ޖައިޝްގެ ލޯބިވާ މަންމަ އާއި ކޮއްކޮ އެވެ. އެ ދެމައިން ސަލާމަތްކުރަން ޖައިޝްގެ ބައްޕަ ކަނޑަށް ދެފަހަރު މަތީން ފުންމާލި ނަމަވެސް، ގަދަ ރާޅުތަކުގެ ތެރޭގައި ކޮއްކޮ ގެއްލުނީ އެވެ. ލޮލަށް ފެނުނު ނަމަވެސް އަތުގައި ނުޖެހި ކަނޑު ތެރެޔަށް ގެއްލުނީ އެވެ. ޖައިޝްގެ މަންމަ ނިޔާވީ ބައްޕަގެ އަތް މަތީގައެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައީ ޖައިޝްގެ ލޮލުގެ ކުރިމަތީގަ އެވެ. މަންމަ އާއި ކޮއްކޮ ސަލާމަތް ކުރާން، ސަލާމަތުން ހުރި ބައްޕަ ގަދަ ކަނޑުގެ ތެރެއަށް ފުންމާލައި އުޅުނު ހާލު ޖައިޝް އަށް ވަނީ ވަރަށް ގާތުން ފެނިފަ އެވެ.
މިހާރު ބައްޕަ އާ އެކު، ޖައިޝް އެ ހުރީ އެ ހަނދާންތަކާ އެކު، މަންމަގެ ޖަނާޒާގަ އެވެ. "ވަން" އޮންލައިންގެ ފޮޓޯގްރާފަރު ޔޫސުފް ސޮފްވާން ގެ މި ފޮޓޯ އަށް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.
އެތައް ބައެއްގެ ލޮލުން ކަރުނަ އެޅި މި ޖަނާޒާގައި، ޖައިޝް އެ ކިޔައިދެނީ އެތައް ވާހަކަ އެކެވެ. މަންމައަށް ދުއާއަށް އަތް ނަގައި، ބައްޕަގެ ލޮލަށް ބަލަހައްޓައިގެން ހުރެ، ބައްޕަ އަށް އެ ދެނީ ވަރަށް ބޮޑު ހިތްވަރެކެވެ. ބުނާ ކަހަލަ އެވެ. ލޯބިވާ ބައްޕާ އެވެ... މަންމަ ނިޔާވީ އެވެ... މަންމަ ދިޔައީ އެވެ... ކޮއްކޮ ވެސް ގެއްލުނީ އެވެ... ލޯބިވާ ބައްޕާ އެވެ... ބައްޕަ ހިތްވަރު ކުރާށެވެ. ނުރޯށެވެ. ޖައިޝް ބައްޕަ ދެކެ ވަރަށް ލޯބިވަމެވެ.
ފޮޓޯ ސްޓޯރީ
ފޮޓޯ ސްޓޯރީ
ފޮޓޯ ސްޓޯރީ