ރާއްޖެ ގެނައުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ލިސްޓު ޖެނުއަރީ އެކެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ނެރެދެންވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކަނޑައަޅައި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމުމުން އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އެންވަޔަރަންމަންޓް ކޮމިޓީއަށް ފޮނުވީ 26 މެއި ގައެވެ.

ސަރުކާރުން ކަނޑައަޅައިފައި ވަނީ، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް، ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.

ކޮމިޓީން ބިލަށް ގެނައި އިސްލާހުގައި އެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހާލައިގެން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފުރަތަމަ ލިސްޓު ހުސްވި ޖޫން މަހުގެ ކުރިން ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ވާނެ ކަމަށް އޮތް ނަމަވެސް، ކޮމިޓީން ވަނީ އެ ތާރީހު އެކެއް ޖެނުއަރީ 2022 އަށް ބަދަލު ކޮށްފައެވެ.

ސިންގަލް ޔޫސް ޕްލާސްޓިކު ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއް އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ، ނުވަތަ ފަރުމާކޮށްފައި ވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައި ވަނީ އެއް ފަހަރަށްވުރެން ގިނަ ފަހަރު އޭގެ ބޭނުން ކުރެވޭ ގޮތަށް ކަމުގައި ނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ފަރުމާ ކޮށްފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗެހި ކަމަށް ބިލު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއަށް އެފަދަ އެއްޗެއް އުފެއްދުމަށް ބޭނުންވާ ރޯމެޓީރިއަލް ހިމެނޭ ކަމަށް ވެސް ކޮމިޓީން ވަނީ އިތުރުކޮށްފައެވެ.

އެބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ކޮމިޓީން ހުށަހެޅި ގޮތަށެވެ.