ރާއްޖޭގެ މޫސުން އިރުވަޔަށް އެޅެމުން އަންނައިރު، މިފަހަރު ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ މޫސުނީ ދޫނީގެ ތެރެއިން ގުޑުގުޑާ ދޫނި ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ.

އެބާވަތުގެ ގިނަ ދޫނިތަކެއް ވަނީ ކުޅުދުއްފުށީ ކުޅިއަށް ޖައްސައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިއީ ރާއްޖެއަށް މޫސުމީ ދޫނި ހިޖުރާ ދުވަސްވަރެއް ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ކަމަށެވެ.

"ސާފުވަމުން ފެންނަމުން އެބަދޭ، މިއީ ދޫނިސޫފާ ސޫފި ހިޖުރަކުރާ މޫސުންކަމުގައި، އިރުވައި މޫސުމުގެ ކުރިއަށް، އިރުވަޔަށް އެޅުމުގެ ކުރީގައި އެޗްޕީއޭ އިން ސާފުކޮށް ބަޔާންކޮށްދޭ ގޮތުގައި ދޫނި ސޫފާ ސޫފި ދަތުރު ކުރުން ގިނަވާނެ، އެބަ ބުނޭ މިވަގުތު ރާއްޖޭގައި ގުޑުގުޑާ ދޫނި ކޮންމެވެސް ވަރަކަށް އުޅޭކަމަށް އެއީ ބައެއް އަހަރު އަހަރު ރާއްޖެ އަންނަ ދޫންޏެއް، އެދޫންޏާއެކު އެހެން ދޫނިތައް ހިޖުރަ ކުރަމުން ދަނީ ބިސްއަޅާ ވިހެއުމަށް،"

އެހެންކަމުން އެ ދޫނިތަކުގެ ހިޖުރައިގެ މަގަށް ހުރަސްއެޅޭނެ ކަންކަން ނުކުރުމަށާއި، އެތަކެއްޗަށް ގޯނާ ނުކުރުމަށާއި، ހިޖުރާ ކުރާ މަގުގައި ހިޖުރަކޮށް ނިމުމަށް އެހީތެރިވުމަށް ވެސް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.

"އެއީ އަޅުގަނޑުމެން ކަމެއް ނުކޮށް ތިބުން، އެއަށް އަރައިނުގަތުން، އޭގައި ރިހަ ކައްކަން ނޫޅުން، ފިޔަ ކޮށާފައި އޭތި ގޭގައި ނުބެއިތިއްބުން، ވާ ޖަހައިފަ އޭތި ނުހިފެހެއްޓުން،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.