ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތައުލީމަށާއި ވަޒީފާއަށާއި ސިއްހީ ހިދުމަތަށް، ނޫނިއްޔާ ތިމާވެށްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ހަތަރު ވަނަ ގުލޯބަލް ވޯޓާ އޮޕަރޭޓާސް ޕާޓްނާޝިޕްސް ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ.
މި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފެނަކީ ދިރުން ކަމަށާއި، އަދި އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ. އަދި ވިދާޅުވީ ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، މި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއް ކަމަށެވެ. އާ ޓެކްނޮލޮޖީތަކަށް ވާސިލު ވުމުގައި ނުވަތަ ހުނަރު އިތުރުކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅިފައިވާ ކަމެއްކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތައުލީމަށާއި ވަޒީފާއަށާއި ސިއްހީ ހިދުމަތަށް، ނޫނިއްޔާ ތިމާވެށްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
"ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްގު ޒަމާނުއްސުރެ ނިގުޅައިގަނެފައިވާ މުޖުތަމައުތަކަށް ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑު ގޮވާލަން." އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޔުނިސެފުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 450 މިލިއަން ކުޑަކުދިން ހިމެނޭ ގޮތަށް، 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ކަމަށެވެ. އޭގެ މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
ހަތަރު ވަނަ ކޮންގްރެސްގެ ފުރަތަމަ ދުވަހު އަންހެނުން ބާރުވެރިކުރުވުމާ ބެހޭގޮތުން މަޝްވަރާކުރެވޭތީ މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތެއްގެ ގޮތުން އުފާކުރާ ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ.
މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމު ވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނާ ކަމަށާއި މިއީ އެއްވެސް ހަމައެއްގައި ރަނގަޅު ކަމެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. މިކަންކަމުން އަރައިގަންނަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު