ޚަބަރު

ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯތަކެއް ހިފައި ވިއްކާ މައްސަލަ ބަލަނީ

ރިފާ ހަލީލު

މި ދުވަސްވަރު ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ، ރާއްޖެއިން ނުފެންނަ ވައްތަރުގެ ދޫންޏެއް ކަމަށްވާ ފްލެމިންގޯ ދާ ޖަހައިގެން ހިފައި އެ ވިއްކަމުންދާ މައްސަލަ އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ދޫނިތައް ހިޖުރަ ކުރާ ދުވަސް ވަރަކަށް ވުމުން އީޕީއޭ އިން މީގެ ކުރިންވެސް ވަނީ އެ ދޫނިތައް ހިފައި ގެންގުޅެ ވިއްކާ ހެދުން މަނާކޮށްފަ އެވެ. އަދި މިފަދަ ކަމެއް ކޮށްފި ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ދޫނި ވިއްކާ ވައިބަރު ގުރޫޕެއްގައި ފްލެމިންގޯތަކެއް ވިއްކަން ވަނީ ޖަހާފަ އެވެ. އެއް ފްލެމިންގޯގެ އަގަކީ 30،000 ރުފިޔާ ކަމަށާއި ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅާނެ ފޯނު ނަންބަރުވެސް ވަނީ ޖަހާފަ އެވެ. އެ ނަންބަރަށް "ވަން" އިން ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބު ދީފައެއް ނުވެ އެވެ.

ފްލެމިންގޯތަކެއް ވިއްކުމަށް ވައިބަރު ގުރޫޕުގައި އިޝްތިހާރު ކޮށްފައިވަނީ ހއ. ބާރަށު ސިއްހީ މަރުކަޒާ ހަވާލުވެގެން ހުންނެވި މުހުސިން ނަމަކަށް ކިޔާ މީހަކު ކަމަށް އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ބާރަށު ކައުންސިލް ނައިބު ރައީސް އަލީ އަމީޒު "ވަން" އަށް މިއަދު ވިދާޅުވީ މި ދޫނިތައް އެރަށު މީހަކު ހިފައިގެން އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު އޭނާ އަށް ލިބިވަޑައިގަތީ މީޑިއާ އިން ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އީޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މި ފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމުމަށްފަހު މިފަދަ ދޫނިތައް ހިފައި، ގެންގުޅެ އޭގެ ވިޔަފާރިކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެއް ދޫނި ނަމަ 20،000 ރުފިޔާ ކަމަށާއި އަދި އެއަށްވުރެ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000 ރުފިޔާ ރޭޓުން ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވި އެވެ. ގުދުރަތީ ގޮތުގައި ނުވަތަ ތޮބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފި ނަމަ 30،000ރ. އާއި 50،000ރ.އާ ދެމެދުގެ ޖޫރިމަނާއެއް ކުރާނެ އެވެ.

ފްލެމިންގޯ މިހާރު ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކުގެ ގޮނޑުދޮށްތަކުގައި އުޅޭއިރު އެ އެއްޗިއްސަށް ގޯނާކޮށް ދާ ޖަހައިގެން ހިފާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.