ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް އަމާޒުކޮށް ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ފުޓްބޯޅަ އެޑިއުކޭޝަން ކްލަބާއެކު އެފްއޭއެމުން އެއްބަސްވުމަކަށް އައިސްފިއެވެ.
ދުނިޔޭގެ އެކިއެކި ހިސާބުތަކުގައި އެކަޑެމީތަކުގެ މަސައްކަތްކޮށް، ފުޓުބޯޅަ ކުރިއަރުވަން މަސައްކަތްކުރާ ސަލްގާޑޯގެ ރެއަލް ހިސްޕަނިއާ އެފްސީ އާއެކު އެފްއޭމުން ހެދި އެއްބަސްވުމާއެކު މިއަދު ވަނީ ބޮޑު ބިޔަ ޕްރޮޖެކްޓެއް އިއުލާން ކޮށްފައެވެ. އެ ޕްރޮޖެކްޓާއެކު މިއަހަރުވެސް ރާއްޖޭގައި 18 ފުޓުބޯޅަ ސްކޫލް، އެކަޑެމީއެއް ހުޅުވިގެން ދާނެއެވެ. އެ 18 އެކެޑެމީ ވެސް ހިންގާނީ ސަލްގާޑޯގެ ބެލުމުގެ ދަށުންނެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާނެ ހައި ޕާފޮމަންސް ފުޓުބޯޅަ ސްކޫލާއެކު މުޅި ޔޫތު ޕްރޮޖެކްޓްވެސް ހިންގާނީ ސަލްގާޑޯއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސަލްގާޑޯއާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަދި ރާއްޖޭގެ ގައުމީ ސީނިއާ ޓީމުގެ އިސް ކުޅުންތެރިން ބައިވެރިވެފައިވާއިރު، ބައްސާމް ވިދާޅުވީ ފުޓުބޯޅަ ޕްރޮޖެކްޓަކީ ސަލްގާޑޯގެ ތަޖުރިބާގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅަ ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށެވެ.
އެގޮތުން 18 އެކަޑެމީއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަން ވިސްނާފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލޭގެ ފުޓުބޯޅަ ސްކޫލުގައި ހައި ޕާފޮމަންސް ތަމްރީނުތައް ކުރިއަށް ގެންދިޔުންވެސް ހިމެނެއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ މި ފުރުސަތަށް. ރާއްޖޭގެ ފެޑަރޭޝަނާއެކު އަހަރެން މަސައްކަތް ކުރާތަން މިވަނީ ދެ އަހަރު ވެފައި. ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ގްރާސް ރޫޓްގައި މަސައްކަތްތަކެއް ކުރެވޭތީ. ކޮވިޑާ ގުޅިގެން އަހަރެމެންގެ މަސައްކަތް ތަންކޮޅެއް ލަސްވި ނަމަވެސް މިހާރު ވަނީ އަލުން ފަށައިގަނެވިފައި. ކުރިއަށް އޮތް ހައެއްކަ އަހަރަށް ވިސްނުން މިހުރީ، އެކަށީގެންވާ ކޯޗުންވެސް ހޯދައި، ރަނގަޅަށް ފަށަން ތައްޔާރުވެފައި މިއޮތީ،" މިއަދުގެ ހަފްލާގައި ސަލްގާޑޯ ބުނެފައިވެއެވެ.
ސަލްގާޑޯގެ ނަޒަރުގައި ގައުމެއްގެ ފުޓުބޯޅަ ރަނގަޅު ކުރުމަށް ބޭނުން ވަނީ ގްރާސްރޫޓް ރަނގަޅު ކުރުމެވެ.
"ފުޓުބޯޅަ ކުރިއަރުވައި ރަނގަޅު ކުރުމަށް ފަށަން ޖެހޭނެ ހިސާބަކީ ގްރާސްރޫޓުން. އެއީ ކުރިމަގަށް ކުރެވޭނެ މަސައްކަތަކީ. މިހާރު އޮތް ސީނިއާ ގައުމީ ޓީމަށް ގޮސް ކަންކަން ބަދަލުކުރަން އުނދަގޫ ވާނެ. ކޯޗެއްގެ ފަރާތުން ކޮންމެވެސް ކަމެއް ބަދަލުކުރެވުނު ނަމަވެސް މުޅި ސިސްޓަމަށް ބަދަލެއް ނުގެނެވޭނެ،" ސަލްގާޑޯ ބުންޏެވެ.
ސަލްގާޑޯ އިތުރަށް ބުނީ ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް އޭނާ ބެލި ކަމަށާއި، އެފްއޭއެމް އިން މުބާރާތް އޮގަނައިޒް ކުރަން ކޮށްފައިވާ މަސައްކަތް ފާހަގަވި ކަމަށެވެ. އަދި އިތުރު މުބާރާތްތައް ރާއްޖެ އަންނާނެ މަގުތައް ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް ސަލްގާޑޯ ފާހަގަކުރިއެވެ.
ސަލްގާޑޯ ޓެކްނިކަލީ ރާއްޖޭގެ ކުރިމަގާ ހަވާލުވެ، އެކަމަށް އިސްނަގައިގެން ކުރިއަށް ދާން ވިސްނާފައިވާއިރު، ފާއިތުވި ނުވަ އަހަރު އޭނާގެ ޔޫތު ޑެވަލޮޕްމަންޓް މަސައްކަތް ކުރީ ޑުބާއީގައެވެ. އެ ޕްރޮޖެކްޓަކުގެ ކާމިޔާބު މިހާރުވެސް އަންނަނީ ފެންނަމުންނެވެ. ސަލްގާޑޯ ފާހަގަކުރީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ޖިއޮގްރެފިކަލީ އުފެދިފައިވާ ގޮތް ކަމަށާއި، އެކަމުގެ ތެރެއިންވެސް ތަފާތު ނެރެން ތައްޔާރު ކަމަށެވެ.
"މިއީ ފުޓުބޯޅައިގެ ޑެވަލޮޕްމެންޓަށް ބަލާއިރު އުނދަގޫ ތަނެއް. މާލެ ގެންނަން ތިބި ރަށްރަށުގެ ކުދިން ގެންނަން ވަރަށް އުނދަގޫވާނެ ރާއްޖޭ އުފެދިފައި އޮތް ގޮތުން. ސްކައުޓް ކުރަންވެސް އުނދަގޫވާނެ. އެކަމަކު ރަށްރަށުގައި ޓެލެންޓް އެބަހުރި. އެކަން ޖެހޭ ހޯދަން. އެ ޗެލެންޖު އަހަރެން ނަގައިގެން އެކަން ކުރަން މަސައްކަތް ކުރާނަން. އެންމެ މުހިއްމު ކަމަކީ އެކަޑެމީތައް (ސްކޫލް)ތައް ތައާރަފު ކުރުން. މިއަހަރު 18 އެކަޑެމީއެއް މި ފަށަނީ. އެއީ ޓެލެންޓް ހޯދޭނެ ގޮތަކީ،" ސަލްގާޑޯ ފާހަގަކުރިއެވެ.
ރަށްރަށުގައި ހިންގާ އެކަޑެމީތަކުން ކޮންމެ އަހަރަކު ވަކި އަދަދަކަށް ކޮންމެ އުމުރުފުރާއަކުންވެސް ކުޅުންތެރިން ގެންނަން ވިސްނާ ކަމަށް ސަލްގާޑޯ ފާހަގަކުރިއެވެ. އެކުދިން ތަމްރީނު ވާނީ މާލޭގެ ހައި ޕާފޯމަންސް ފުޓުބޯޅަ ސްކޫލުގައި ކަމަށްވެސް ސަލްގާޑޯ ފާހަގަކުރިއެވެ. ހުޅުމާލޭގައި ހުރި ފުޓުބޯޅަ ސްކޫލުގައި އިތުރު ދެ ދަނޑެއް ހަދައި، ކޮންމެ އުމުރުފުރާއަކަށްވެސް ވަކި ކޯޗެއް ހަމަޖެހިފައި ސްކޫލުގައި ހުންނާނެ ކަމަށް ސަލްގާޑޯ ބުންޏެވެ. އެ ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ގައުމީ ޓީމަށް އެހީވުން ކަމަށްވެސް ސަލްގާޑޯ ފާހަގަކުރިއެވެ.
ހައި ޕާފޯމަންސް އެކަޑެމީގައި ހަރަކާތްތެރިވާނެ ކޯޗުންވެސް ސަލްގާޑޯ މިއަދު ވަނީ ތައާރަފު ކޮށްދީފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ފުޓުބޯޅަ ތަޖުރިބާ ކޮށްފައިވާ ފިޒިކަލް ޓްރެއިނަރުންނާއި ނިއުޓްރިޝަނިސްޓުން އަދި ޓެކްޓިކަލް ކޯޗުންވެސް ހިމެނެއެވެ. އެ ކޯޗުންނާއެކު ރާއްޖޭގެ ފަސް ކޯޗަކު ހައި ޕާފޮމަންސް ސްކޫލުގައި ހަރަކާތްތެރިވާނެއެވެ. އަދި މިހާރުގެ ޕްރޮޖެކްޓާއެކު އަތޮޅު ތެރޭގައިވެސް 36 ކޯޗުން މަސައްކަތް ކުރާނެ ކަމަށް ސަލްގާޑޯ އިއުލާން ކުރިއެވެ.
- ހދ. ކުޅުދުއްފުށި
- ނ. ކެނދިކުޅުދޫ
- ބ. އޭދަފުށި
- އދ. މަހިބަދޫ
- ދ. ކުޑަހުވަދޫ
- ލ. ގަން
- ގދ.ތިނަދޫ
- ޏ.ފުވައްމުލައް
- އައްޑޫގެ ދެ ސަރަހައްދެއް
- މާލޭ ސަރަހައްދުގައި އަށް އެކެޑެމީ
އެފްއޭއެއެމްއިން ބުނެފައި ވަނީ އެކަޑެމީ ހިންގަން ރަށްތައް ކަނޑައަޅާފައިވަނީ މިހާރު ވެސް އެފްއޭއެމްގެ ބައެއް ޕްރޮގްރާމްތައް ހިންގާ ރަށްތަކުގެ އިތުރުން އެ ރަށްތަކުގެ އާބާދީ އާއި ފުޓްބޯޅައިގެ ކަންކަމަށް ބަލައިގެން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު