އިންތިގާލީ އިންސާފުގެ އޮފީސް، އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އިއްޔެ އޮމްބަޑްސްޕާސަންގެ އޮފީހުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބޯހިޔާވަހިކަމާ ގުޅުން ހުރި 172 މައްސަލައެއް އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. ދެ ވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. އެއީ 156 މައްސަލަ އެވެ. ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ބަންދުކުރުމާ ގުޅޭ 44 މައްސަލަ ހުށަހަޅާފައިވާއިރު އެއީ ތިން ވަނަ އަށް އެންމެ ގިނައިން ހުށަހެޅުނު މައްސަލަ އެވެ. މީގެ އިތުރުން އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރުމާ ގުޅޭ 26 މައްސަލައެއްގެ އިތުރުން ލާއިންސާނީ އަދަބު ދިނުމާ ގުޅޭ 24 މައްސަލަ ހުށަހަޅާފައިވާއިރު މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އަދުލުވެރިކަމާ އެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ ނުވަ މައްސަލަ އަދި ހަމަ އެ އަދަދަށް އިގްތިސޯދީ އަދި އިޖުތިމާއީ ހައްގާ ގުޅޭ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ ހަތް މައްސަލަ ހުށަހެޅިއިރު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ ހަ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. ދެން ހުށަހަޅާފައި ވަނީ އުނގެނުމުގެ ހައްގާ ގުޅޭ ހަ މައްސަލައެއްގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ ހަ މައްސަލައަކާއި އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލަ އެކެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަކީ، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ކަމަށް ބެލެވޭ މައްސަލަތައް ތަހުގީގުކުރަން އުފެއްދި އޮފީހެކެވެ. އެ އޮފީހަށް މައްސަލަ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 487 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެ އޮފީހަށް ބެލޭނެ ކަމަށް ކަނޑައެޅީ 449 މައްސަލައެކެވެ. ނުބަލަން ކަނޑައެޅީ 26 މައްސަލައެކެވެ. އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާނީ ޖެނުއަރީ 1953 އިން 17 ނޮވެމްބަރު 2018އާ ދެމެދު ހިނގާފައިވާ މައްސަލަތަކެވެ.

އެ އޮފީހުން ވަނީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލި މައްސަލަ ވެސް ބަލަން ނިންމައިފަ އެވެ. ގދ. ތިނަދޫން މީހުން ބޭލި މައްސަލައާ އއ. ކުރަމަތިން މީހުން ބަދަލުކުރި މައްސަލަ ވެސް އެ އޮފީހުން ވަނީ ބަލަން ނިންމައިފަ އެވެ.