މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ސަން ސިޔާމް އޮޅުވެލި ފުށި ރިސޯޓު ބޭރުން ނެގި ރާޅެއްގައި އަރިއަޅާލައި، ހިނގި ކަނޑުމަތީގެ ހާދިސާގައި މަރުވި މަރިޔަމް ނާހިދާގެ ޖަނާޒާ ބާއްވައިފިއެވެ.
ނާހިދާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާގައެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ނާހިދާގެ ޖަނާޒާގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ ހަވީރު 4:00 ގައި މާލެއިން ފުރައިގެން ދަނިކޮށް، ލޯންޗަށް ދިޔަވެ އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ހަވީރު 5:00 ކަންހާއިރުއެވެ.
އެ ހާދިސާގައި ނާހިދާ ނިޔާވިއިރު އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ. ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ނާހިދާ އާއި އޭނާގެ ފިރިމީހާ އަދި އެމީހުންގެ ދެ ދަރިންނާއެކު، މާލެއިން އިއްޔެ ފުރީ ފިރިމީހާގެ ރަށަށް ޗުއްޓީއަށް ދިއުމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން ފެނިފައިވާ ކަމަށާއި ހަތަރު އަހަރުގެ ކުއްޖަކު އަދިވެސް ފެނިފައިނުވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.
ފެނުނު މީހުންގެ ތެރެއިން އެކަކީ މިހާރު ހޯދަމުންދާ ހަތަރު އަހަރުގެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާއެވެ. ނާހިދާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ކ. ގުރައިދޫ ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒަށް ނާހިދާ ގެންދިޔައިރު ވެސް ވަނީ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ފިރިމީހާ "ވަން" އަށް ބުންޏެވެ.
ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމްއެންޑީއެފުން މިހާރު ވަނީ ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށް އެދިފައެވެ.
އެގޮތުން ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން ދަތުރުކުރާ އުޅަނދު ފަހަރުތަކާއި އެ ހިސާބުގެ ރަށްތަކުން ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށް ދިނުމަށް ވަނީ އެދިފައެވެ. އަދި ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެދޭ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު