ދަނގެތީގައި މީހަކު މަރާލާފައި އޮއްވައި ފެނުނު މައްސަލަައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ދަތުރު ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ އިންވެސްޓިގޭޝަން ޓީމަކުން ދަނގެތީގެ މަރުގެ މައްސަލަ ބެލުމަށް އެރަށަށް މިރޭ ދަތުރު ފަށާފައިވާ ކަމަށެވެ. އަދި މި ތަހުގީގު ކުރިއަށްގެންދަނީ ހުރިހާ ކަމަކަށް ސަމާލުވެ މި ލާއިންސާނީ އަމަލު ހިންގުމުގައި ބައިވެރިވި ކުށްވެރިން ހައްޔަރު ކުރުމަށް ކަމަށްވެސް ބުންޏެވެ.
ދަނގެތީ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ވަން" އަށް ވިދާޅުވީ، މަރާލާފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ އެރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު ކަމަށްވެސް ވިދާޅުވިއެވެ.
މުއާވިޔަތު ވިދާޅުވީ، ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރަށުގެ ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއިން ކަމަށާއި ފެނުނުއިރު ދެފައި ބަނދެ، ބޮލާއި ފަޔަށް އޮތީ ގޯނި ލައްވާފައިވާ ކަމަށެވެ.
"ރޭގެ މެޗު ބަލާފައި ގެއއިން ނުކުތް ގޮތަށް ހަބަރެއް ނުވޭ. އެމްއެންޑީއެފާއި ފުލުހުން އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ފެނުނު އިރު، ވަޅު ތެރޭގައި އޮތީ ބޯކޮޅުވެސް އެކޮޅު ކޮޅުން،. މަރާލާފައިވާކަން ޔަގީން،" މުއާވިޔަތު ވިދާޅުވިއެވެ.
އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު "ވަން" އަށް ބުނީ އޭނާ ވަޅުން ނެގި ވަގުތު ބޮލުން ވަރަށް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށެވެ. އަދި އެ ވަޅު މައްޗާއި ވަޅު ކައިރީގައިވެސް ވަރަށް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އޭނާ ބުންޏެވެ.
މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ޝައްކު ކުރެވޭ ދެ މީހުން މިއަދު ރައްޔިތުން ނުކުމެ، ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު