ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ނަބީލް، 36، ދެ މަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލައިފި އެވެ.

ނަބީލް ހައްޔަރުކުރީ އޭނާ ބަރަހަނާވާ ވީޑިއޯ ޓިކްޓޮކްގައި އާންމުކުރިތާ އެއް ދުވަސް ފަހުން، މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭގައި އެވެ. ނަބީލް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އެވެ.

ނަބީލްގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ އޮރިޔާން ކާޑު އުފެއްދުމުގެ ކުށެވެ. އޭނާ ބަންދުގެ މުއްދަތު މުއްދަތު ރިވިއުކުރަން ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކަކާއެކު ނަބީލް ބަންދުން ދޫކޮށްލުމަށެވެ. ކޯޓުން ނަބީލަށް ކުރި ޝަރުތަކީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރުމެވެ. އަދި އެ ޝަރުތަށް ނަބީލް އެއްބަސްވުމުން ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން އޭނާ ކޯޓުގައި ބުނެފައި ވަނީ، ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައި ނުވާނެ ކަމަށެވެ. ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ވީޑިއޯއަކީ އޭނާ ބޭޒާރު ކޮށްލުމަށް، ބަޔަކު އޭނާގެ މޫނު ބޭނުން ކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެކެވެ. ނަމަވެސް ނަބީލް ވަނީ އަންހެން ހެދުން އަޅައިގެން އުޅޭ ކަމަށް އެއްބަސްވެފަ އެވެ. އެކަމުގެ ސަަބަބުން އޭނާއަށް މަރުގެ އިންޒާރު ލިބެމުންދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ، ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށެވެ.