އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ލީގު ބުރުގައި ރާއްޖެއިން ކުޅޭ އެންމެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް މިރޭ ނުކުންނާނެއެވެ. މިރޭގެ މެޗު ދެޓީމަށްވެސް އިންތިހާއަށް މުހިއްމެވެ. ރާއްޖެއަށް އިންޑިއާ އަތުން ޕޮއިންޓެއް ހޯދައިގެންވެސް ފައިނަލް ޔަގީން ކުރެވެން އޮތްއިރު، ބަލިވެއްޖެ ނަމަ ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލޭނެއެވެ. ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕެއްގެ ހަވަނަ ފައިނަލަށް ދިޔުމަށް އޮތް މަގަކީވެސް މިރޭގެ މެޗެވެ. އިންޑިއާއަށް 11 ވަނަ ފައިނަލަށް ދާން އޮތީވެސް މިރޭގެ މެޗެވެ. އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު ވެގެންދާނީ ދެޓީމަށްވެސް ވަރުގަދަ ފައިނަލަކަށެވެ.

މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ފެނުނީ ހިތްވަރާއެކު އިން ތަނެވެ. އިންޑިއާއަށް ދޭން ޖެހޭ އިހުތިރާމުދީ، އިންޑިއާ ބަލިކުރަން ތައްޔާރަށް ތިބި ކަމަށް އަކޫ އިއްޔެ ބުންޏެވެ.

"އިންޑިއާއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުކަން އެބަ އެނގޭ. އެކަން ދަނެގެން އެ އިހުތިރާމާއެކު އަޅުގަނޑުމެން ނުކުންނާނީ. އެކަމުގެ ޕްރެޝަރުވެސް އެބަ އޮތް. އެކަމަކު ޕްރެޝަރު ނެތި ފުޓުބޯޅައިގެ ފޯރިއެއްވެސް ގަދައެއް ނުވާނެ. އެ ޕްރެޝަރު ޕޮޒިޓިވް ކޮށް ނަގައިގެން މި ނުކުންނަނީ ޓީމަށް އިތުބާރުވެސް އޮތީމަ. އިންޝާ ﷲ މެޗުން މޮޅުވެ ދިވެހި ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭން މި ނުކުންނަނީ،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި އުފުލައިލި ކެޕްޓަން އަކޫ ބުންޏެވެ.

އަކޫގެ ހިތްވަރު ފުރިހަމަ ކުރުމަށް އޭނާ ސަޕޯޓަރުންގެ ކިބައިން އެދޭ އެދުމެއްވެސް އެބައޮތެވެ. އެއީ ﷲގެ ހަޒަރުތަކުގައި ދުއާ ކޮށްދިނުމެވެ.

"ބޮޑު ސްކްރީން ދޮށުގައި ވިޔަސް ގޭގައި ވިޔަސް ރަށުގައި ވިޔަސް ކޮންމެ ތާކު ތިއްބަސް އަޅުގަނޑުމެންނަށް ސަޕޯޓު ކޮށްދެއްވާށޭ. ހެޔޮ ދުއާ ކޮށްދެއްވާ! ދުއާގެ ނަތީޖާ އިންޝާﷲ މާދަމާރޭ (މިރޭ) އާއި ކުރިއަށް އޮތް ފައިނަލް މެޗުގައި ފެނިގެންދާނެއޭ. ދިވެހި ގައުމުގެ ހައްގުގައި މޭފުޅާ ކޮށްލާފައި ކެރިގެން މި ނުކުންނަނީ މިކަން ކުރަން،" އަކޫ ހަރުދަނާ ކަމާއެކު ބުންޏެވެ.

ކެޕްޓަންގެ އެދުމަށް މިވަގުތު އިޖާބަ ނުދޭނެ ދިވެހި އެއްވެސް ރައްޔިތަކު ނުހުންނާނެއެވެ. ކެޕްޓަންގެ އެ ވާހަކައަކީވެސް އެންމެ ސާބިތު ވާހަކައެވެ. ރައްޔިތުންގެ ހެޔޮ ދުއާއަކީ މިވަގުތު އެންމެ ވަރުގަދަ ހަތިޔާރެވެ. ރާއްޖެ އިންޑިއާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.