މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑް ނުވަ ފަރާތަކަށް ދީފިއެވެ.
ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި "ނޫސްވެރިކަމުގެ އެވޯޑް 2020"ގެ ޖަލްސާގައި އެވޯޑް ދީފައިވަނީ އެވޯޑަށް ހުޅުވާލި 12 ދާއިރާގެ ތެރެއިން ނުވަ ދާއިރާއަކަށެވެ. އެއީ ތަހުގީގީ ދާއިރާ، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ.
އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާތީ ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އާއި އޯޑިއޯ ޖާނަލިޒަމް ދާއިރާއަށް އެވޯޑް ދީފައެއް ނުވެއެވެ. އަދި އެކަށީގެންވާ ވަރަށް ހުށަހެޅުން ލިބިފައި ނުވާތީ އެންމެ އުންމީދީ ނޫސްވެރިޔަކު މިއަހަރު ހޮވާފައެއް ނުވެއެވެ.
މިފަހަރު އެންމެ ގިނަ އެވޯޑް ހާސިލުކޮށްފައިވަނީ ސަންގު ޓީވީންނެވެ. އެގޮތުން ސަންގު ޓީވީއަށް ތިން އެވޯޑް ލިބިފައިވާއިރު، ސަންގު ޓީވީގެ މާހަތު ހުސެއިން ވަނީ ފީޗާ ނޫސްވެރިކަމުގެ އެވޯޑާއި ސިޔާސީ ދާއިރާ ކަވަރު ކުރާ ނޫސްވެރިންނަށް ދޭ އެވޯޑު ހޯދައިފައެވެ. "ވަގުތު" އަދި "ރާއްޖެ ޓީވީ" އަށް ދެ ކެޓަގަރީއަކުން އެވޯޑު ލިބިފައިވެއެވެ. އަދި "މިހާރު" އަށް އެއް ކެޓެގަރީއަކުން އެވޯޑް ލިބިފައިވެއެވެ.
މިފަހަރުގެ އެވޯޑަށް 80 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާއިރު، މިފަހަރު އެވޯޑް ދީފައިވަނީ ބްރޯޑްކާސްޓް އަދި އޮންލައިން ނޫސްތައް އެއްކޮށްލައިގެންނެވެ. އެހެން އަހަރުތަކުގެ މި އެވޯޑް ދެނީ ބްރޯޑްކާސްޓް ވަކިން އަދި އޮންލައިން ނޫސްތައް ވަކިކޮށްގެނެވެ.
- ތަހުގީގީ ދާއިރާ: މުހައްމަދު އަޒްހީމް އަޒީޒް (ވަގުތު)
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ: އަމްނާ އިމާދު (ރާއްޖެ ޓީވީ)
- ސިޔާސީ ދާއިރާ: މާހަތު ހުސައިން (ސަންގު ޓީވީ)
- ޝަރުއީ އަދި ގާނޫނީ ދާއިރާ: ލައިޝާ އަހުމަދު (ރާއްޖެ ޓީވީ)
- ފީޗާ/ރިޕޯޓް ދާއިރާ: މާހަތު ހުސައިން (ސަންގު ޓީވީ)
- ވީޑިއޯ ޖާނަލިޒަމް ދާއިރާ: ހައްވާ މިންހާ (ސަންގު ޓީވީ)
- ފޮޓޯ ޖާނަލިޒަމް ދާއިރާ: އިބްރާހިމް ޝާބިލް (ވަގުތު އޮންލައިން)
- ކުޅިވަރު ދާއިރާ: މުހައްމަދު ހަމްދޫން (މިހާރު)
- ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ: ފާތިމަތު ޝާނާ މުހައްމަދު (މިހާރު)
މިރޭގެ ޖަލްސާގައި ވަނީ ހަޔާތީ އަރުތައިގެ އިމާނު ދެ ބޭފުޅަކަށް އަރުވާފައެވެ. އެއީ މ. މާރޭވިލާ އަލްމަހްރޫމް އަލީ ހުސައިން އަށާއި ގ. ލިއެނާ އަލްމަހްރޫމް ހުސައިން މުހައްމަދަށެވެ.
ނޫސްވެރިކަމުގެ އެވޯޑް ހަފުލާ ބާއްވާފައި މިވަނީ، ނޫސްވެރިކަމުގެ އިނާމު އިންސާފުވެރި ނޫން ކަމަށް ބުނެ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާ ދެކޮޅަށް ސިވިލް ކޯޓަށް 20 ނޫސްވެރިއެއްގެ ފަރާތުން މައްސަލައެއް ވައްދާފައިވަނިކޮށެވެ. އެ މައްސަލަ ސިވިލް ކޯޓުން މިއަދު ވަނީ ބޭރުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު