މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމަށް ބަދަލުގެނެސް، 16 މަގެއްގައި ތާރުއަޅާ ގޮތަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާ މިއަދު ހަވާލުކޮށްފިއެވެ.

މަގުތައް ހެދުމުގެ މަސައްކަތް ފެށުނީ ފާއިތުވި ކައުންސިލްގެ ދައުރުގައެވެ. އަދި މި ފަހުން އިންތިހާބުވި ކައުންސިލުން ނިންމާފައިވަނީ އެ މަޝްރޫއަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ހިތް ފަސޭހަ ގޮތަކަށް މަގުތައް ތަރައްގީ ކުރުމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.

މި އެއްބަސްވުމުގެ ދަށުން 105 މަގެއް ހަދައި، 16 މަގެއްގައި ތާރުއެޅުމުގެ އިތުރުން، މާލޭ ނޯތް ހާބަރުގެ ތޮށިގަނޑު ފެއަށްޖައްސައި އެ މަގު ފުޅާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހު ނިންމުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޫކޭ ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އާ ކައުންސިލުން ގެންނަން ބޭނުންވި ބަދަލުތައް ގެނެސް، މިއަދު އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ ކުރީގެ މަޝްރޫއަށް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތަކަށް ބަލާއިރުގައި، ހަގީގަތުގައި އާރުޑީސީގެ މަސައްކަތުގެ ސްޕީޑާ މެދު އަޅުގަނޑަށް ހިތްހަމަޖެހުން އެބައޮތް. އަދި އަޅުގަނޑުމެންގެ އަމާޒަކީ ހައްލު ހޯދުން. ހަވާލުވި މަސައްކަތް ކޮލިޓީ ކޮމްޕްރޮމައިޒް ނުކޮށް ނިންމާފައި ކައުންސިލާއި ހަވާލުކުރުން." މޫކޭ އިތުރަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ އެ މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާ އެކު ގުޅިގެން ކަމަށާއި މަސައްކަތް ކުރާނީ ބާރު ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ގެންގޮސް ކުރު މުއްދަތެއްގެ ތެރޭގައި މަގުތައް ނިންމާލުމަށް ކަމަށެވެ.

"ހުރިހާ މަގެއް އެއް ފަހަރަކާ ކުރިއަށް ގެންގޮސް، ސްޓޭކް ހޯލްޑަރުންނާއެކު ކުރެވޭ މަސައްކަތުގެ ނަތީޖާ އަކަށް ވާނީ ގިނަ ވެގެން ދެ އަހަރު ތެރޭގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުން" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމުމަކީ މާލޭގެ އާބާދީއަށް ބަލާއިރު ގިނަ ބަޔަކަށް އޭގެ ތަކުލީފު ދިމާވާނެ ކަމެއް ކަމަށާއި އަދި ރައްޔިތުންގެ ބައިވެރިވުން އޮވެގެން އެކަން ކުރިއަށް ގެންދާނަމަ ނަތީޖާ ފޮނިވާނެ ކަމަށެވެ.

"މަޝްރޫއު ކުރިއަށްދާނީ ރައްޔިތުންނާ ގުޅިގެން، މަސައްކަތް ކުރިއަށްދާގޮތް ކުރިއާލައި ރައްޔިތުންނަށް އަންގައިދީގެން، ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދާނީ،" މުއިއްޒު ވިދާޅުވިއެވެ.