ޚަބަރު

ނޫސްވެރިކަމުގެ އިނާމުގެ މައްސަލައިގައި މީޑިއާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

މުހައްމަދު އިޝާން

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު، އިންސާފުވެރި ނޫން ކަމަށް ބުނެ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދެނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައި އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށް ބުނެ، ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. ނަމަވެސް މީޑިއާ ކައުންސިލުން ނިންމީ މިހާރު ވެސް އޮތް ގޮތަށް ނޫސްވެރިކަމުގެ އިނާމު ދިނުމަށެވެ.

މީޑިއާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދިނުމަށްފަހު، އެ ދެބައި އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. އެކަމަށް ވަކި ފަނޑިޔާރުންގެ ދެޕެނަލެއް ނަގަން އުސޫލު ޖާގަ ނުދޭ ކަމަށްވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

އެހެންވެ ބައެއް ނޫސްވެރިންގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަަ ނޫސްވެރިންގެ ފަރާތުން ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމްގެ ފަރާތުން އެ ލޯފާމުގެ ވަކީލު މަރިޔަމް ޝުނާނާ އެވެ.

މިއަދު ސިވިލް ކޯޓުގައި ވަނީ އެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބާއްވައިފަ އެވެ. އިޖުރާއީ އަޑުއެހުމުގައި ދެ ފަރާތުން ދެއްކެވި ވާހަކަތަށް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ އަމިއްލައަށް އިޖުރާއީ ނުކުތާއެއް ވެސް ނަންގަވައިފަ އެވެ. މީޑިއާ ކައުންސިލްގެ ފަރާތުން ވެސް އިޖުރާއީ ނުކުތާއެއް ނެންގެވި އެވެ. މީޑިއާ ކައުންސިލުން ނެގި އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައި ވަނީ ވަކި ނޫސްވެރިންނަށް މައްސަލަ ހުށަ ނޭޅޭނެ ކަމަށާއި މައްސަލަ ހުށަހެޅޭނީ މީޑިއާތަކަށް ކަމަށެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނީ، މިރޭ ބާއްވާ ޖަލްސާ ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި 20 ނޫސްވެރިން ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ނުބައި ސެކްޝަނަކަށް ވުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނޫސްވެރިންގެ އެ މައްސަލަ ހުށަހަޅާފައި ވަނީ މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާ އަވަސް ނިޔާގެ މައްސަލަތައް ހުށަހަޅާ ސެކްޝަނަށެވެ. އަޑުއެހުމުގައި ގާޒީ އިޖުރާއީ ނުކުތާއެއް ނެންގެވީ އެކަމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝުނާނާ ވިދާޅުވީ، ހުށަހަޅާފައިވާ އެ މައްސަލަ ބެލޭނެ އެހެން ސެކްޝަނެއް ކޯޓުގައި ނެތް ކަމަށާއި، އަވަސް ނިޔާގެ މައްސަލަތައް ހުށަހަޅާ ސެކްޝަނަށް މައްސަލަ ހުށަހެޅީ މިރޭ ނޫސްވެރިންނަށް އިނާމް ދޭ ޖަލްސާ ބާއްވަން ތާވަލު ކޮށްފައިވާތީ ކަމަށެވެ. ޝުނާނާ ވިދާޅުވީ މިރޭ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި ނަމަ, އެތައް ނޫސްވެރިއެއްގެ ހައްގު ގެއްލިގެން ދާނެކަމަށެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ފުރަތަމަ ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ވީ އެންމެ އަވަހަކަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ފާހަގަކޮށްފައިވާ އިޖުރާއީ ކަންކަމަށް ބެލުމަށްފަހު ވަގުތީ އަމުރެއް ނެރުމުގައި ގޮތެއް ނިންމުން އޮންނާނީ މިއަދު މެންދުރު 1:30 އާއި 2:00 ދެމެދުގައި ކަމަށެވެ. 2:00 ޖެހިއިރު އަލުން އަޑުއެހުން ފަށައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ނުބައި ސެކްޝަނަކަށް މައްސަލަ ހުށަހަޅާފައި ވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.