ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތައް ރެޖިސްޓްރީ ކުރުމަށް ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ގެޒެޓުގައި މިއަދު ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އެޗްއީއޯސީ ގައި އަދި އެޗްއީއޯސީގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކުލަވައިލެވޭ ދަފުތަރުގައިވާ ފަރާތްތަކަށް އެޗްއީއޯސީން ތަމްރީނު ޕްރޮގްރާމެއް ހިންގާނެ އެވެ.

އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެވަގުތެއްގައި އެޗްއީއޯސީގައި ކުރަން ޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެ ކަމަށް ހެލްތުން ވަނީ ބުނެފަ އެވެ.

އެޗްއީއޯސީގައި އަދި އެޗްއީއޯސީގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އިއުލާނުގައިވާ ލިންކަށް ވަނުމުން ރެޖިސްޓްރޭޝަން ފުރިހަމަ ކުރެވެން ހުންނާނެ ކަމަށް މި އިއުލާނުގައި ބުނެއެވެ.

ވޮލަންޓިއަރުން ހޯދަން މިއަދު އިއުލާނު ކުރިއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 83 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 85،548 އަށް ވަނީ އަރައިފަ އެވެ. ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 110 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 84،064 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،237 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 13 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 234 މީހަކު ވަނީ މަރުވެފައެވެ. އެއީ 217 ދިވެހީންނާއި 17 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.