ސައުދީ އަރަބިއްޔާ އާއި ޔަމަނު ގުޅޭ ހިސާބުގައިވާ ޖަޒަން ސިޓީގައި ހުންނަ ކިންގް އަބްދުﷲ އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާ ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސައުދީ އަރަބިއްޔާ އާއި ޔަމަނު ގުޅޭ ހިސާބުގައިވާ ޖަޒަން ސިޓީގައި ހުންނަ ކިންގު އަބްދުﷲ އެއާޕޯޓަށް މި މަހުގެ އަށް ވަނަ ދުވަހު ދީފައިވާ ޑްރޯން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ޓެރަރިޒަމްގެ އަމަލުތަކަކީ މުއައްސަސާތަކުން ގުޅިގެން ހައްލު ހޯދަންޖެހޭ ކަންކަން ކަމަށްވެސް ބުންޏެވެ.

ރާއްޖެއިން އަބަދުވެސް ތިބޭނީ ސައުދީ ސަރުކާރާއި އެގައުމުގެ ރައްޔިތުންނާއެކު ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސައުދީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާ އާއި ޔަމަނު ގުޅޭ ހިސާބުގައިވާ ޖަޒަން ސިޓީގައި ހުންނަ ކިންގު އަބްދުﷲ އެއާޕޯޓުގެ ތެރެއަށް، ނުރައްކާތެރި ދެ ޕްރޮޖެކްޓައިލް ވެއްޓުމުން 10 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުން ދެ ހަމަލާވެސް ދީފައިވަނީ ގޮވާ ޒާތުގެ ތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެއް އެއާޕޯޓު ސަރަހައްދަށް ފޮނުވައިގެންނެވެ. މީގެ ކުރިން ވެސް މިފަދަ ހަމަލާތައް ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްފައިވެއެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ވެސް ޑްރޯން ހަމަލާއެއް އަބްހާ އެއާޕޯޓަށް ދީފައިވާއިރު، އެ ހަމަލާގައި ހަތަރު މީހުން ޒަހަމްވި ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުންޏެވެ. އަދި އޯގަސްޓު 31 ވަނަ ދުވަހު ހަމަ އެ އެއާޕޯޓަށް ދިން ހަމަލާއެއްގައި އަށް މީހުންނަށް އަނިޔާވެފައިވެއެވެ.