މިހާރު މި އޮތް ސީނިއާ ގައުމީ ފުޓުބޯޅަ ޓީމަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައިވެސް ފެނުނު އެންމެ އެކުވެރި، އަދި އެންމެ ރޫހު ރަނގަޅު ޓީމު ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ރާއްޖޭން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ތިންވަނަ މެޗުގައި މިއަދު ލަންކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ގޯލު، މެޗުގެ ކުރީކޮޅުގައި ޖަހައިދިނީ އަލީ އަޝްފާގު (ދަގަނޑޭ)އެވެ.
މިއަދުގެ މެޗުން މޮޅުވެ ރާއްޖެއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި ރާއްޖެ އޮތް އިރު، އެއްވަނައިގައި އޮތީ މިރޭ އިންޑިއާއާ ދެކޮޅަށް ނުކުންނަ ނޭޕާލެވެ. ލަންކާއަށް މުބާރާތުގެ ހުރިހާ މެޗެއް ނިމިފައިވާ އިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓަކާ އެކުގައެވެ. ލަންކާއިން ޕޮއިންޓެއް ހޯދީ އިންޑިއާ ކައިރީގައެވެ. ރާއްޖެއިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗަށް ރާއްޖެ ނުކުންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.
މެޗަށްފަހު ސުޒޭން ބުނީ މެޗުން މޮޅުވުމުގެ އިތުރަށްވެސް ބައެއް އެހެން ކަންކަން ހާސިލުވި ކަމަށާއި އޭގެ ތެރޭގައި ޓީމު ރޫހުގެ ވަރުގަދަކަން ހިމެނޭ ކަމަށެވެ.
"މެޗުން ފާހަގަވި އެއް ކަމަކީ ފިޓްނަސްގެ މައްސަލައެއް ނޫޅޭކަން. ދެން ފާހަގަވި އަނެއް ކަމަކީ މެޗަށް ތައްޔާރުވެގެން މި ހިސާބަށް އައިސް މެޗަށް އައިސް، މެޗު ނިންމާލިއިރުވެސް ޓީމުގައި ހުރި ރޫހު. އަޝްފާގުވެސް ވާނެ ގައުމީ ޓީމުގައި އެންމެ ގިނަ ދުވަހު އުޅުނު ކުޅުންތެރިޔަކަށ،ް އޭނާއަށް ނުފެންނާނެ އަދި މިހާތަނަށް މިހާ ރޫހު ރަނގަޅު ޓީމެއް. އެހެންނޫނީ ހުންނާނެ ޖެހޭ ކުދިކުދި މައްސަލަތަކެއް އަބަދުވެސް. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ އެކުވެރި ގައުމީ ސީނިއާ ޓީމެއް އޮތް ފަހަރު. ފަހުރުވެރިވެލަން އިއުލާން ކުރެވުނު 23 ކުޅުންތެރިންގެ ސްކޮޑަށް. ޓީމެއް ބިނާ ކުރުމުގައި ރަނގަޅު ކަންތައްތަކެއް ހޯދިއްޖެ،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުގައި ރާއްޖެއަށް އިތުރު ގޯލެއް ޖަހަންވެސް ގިނަ ފުރުސަތުތައް ލިބި ބޭކާރު ވެގެން ގޮސްފައިވާއިރު، ސުޒޭން ބުނީ އެއީ ރަނގަޅު ކުރަން ޖެހޭ ކަމެއް ނަމަވެސް، އާންމުކޮށް ފުރުސަތުތައް ބޭނުން ހިފުމަށް ފޯވަޑް ލައިނަށް އިތުބާރު ކުރާ ކަމަށެވެ.
"ދަގަނޑޭ އާއި ސެންޓޭ، އިއްބެ ނޫނީ ހަމްޕު ކަހަލަ ކުޅުންތެރިން ތިބިއްޔާ ނަތީޖާ ބަދަލުކޮށްލާ ކަހަލަ ފުރުސަތެއް ލިބިއްޖެއްޔާ ގިނަ ފަހަރު ކޮންވާޓު ކޮށްލާނެ. އެހެންވީމަ ލިބޭ ހުރިހާ އެއްޗެއް ނުޖެހުނަސް އެކަމަށް މަޑުމަޑުން ވޯކު ކުރަމުން ދަނީ. އެހެން ނަމަވެސް އެކަމަށް ސީދާ ވިސްނާކަށް އަސްލު ވަގުތެއް ނުވެސްނެތް. އެހެން ނަމަވެސް އެކަމަށް މަސައްކަތް ކޮށްލާނަން. މިއަދު ފެންނާނެ ސެޓް ޕްލޭތައްވެސް ރަނގަޅަށް، އެއީ އެކަމަށްވެސް މި މަސައްކަތް ކުރީ މުބާރާތުގެ ތެރެއިން. ލިބޭ ރަނގަޅު ފުރުސަތުތަކުގައި އެބަ ޖެހޭ ގޯލު ޖަހައިލަން،" ސުޒޭން ބުންޏެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު