އައްޑޫގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު މިކަމާ ގުޅޭގޮތުން އޭއޭއޭގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި ދަރިވަރުން ވަނީ މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ރައީސަށް ހުށަހެޅުއްވި ސިޓީއަށް އަވަސް އިޖާބައެއް ދެއްވީތީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ދަރިވަރުން ފާހަގަކުރި ގޮތުގައި އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަ ކަމަށާއި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދަރިވަރުން ވަނީ ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭންގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ރީފަންޑް ނުލިބުމާއި އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފުސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައިވެސް ވިދާޅުވިއެވެ.

ފްލައިން ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދިނުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަން ޖެހޭ މުއްދަތު، ކޯސް ނިމޭ ތާރީހުން ފެށިގެން ހަމަސް ދުވަހަށް ބަދަލުކޮށްފައެވެ. އަދި މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

އޭއޭއޭގެ ހިންގުން ބޮއްސުންލައި، ފްލައިން ސްކޫލު ހިންގުމަށް މިދިޔަ ޖޫން މަހު ވަނީ އެވިޑް ކޮލެޖާ ހަވާލުކޮށްފައެވެ. ނަމަވެސް ބައެއް މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން ދީފައިނުވާތީވެ އެވިޑުން ވަނީ "ސޭލްސް އެންޑް ޕާޗޭސް" އެއްބަސްވުން މިދިޔަ މަހުގެ ތެރޭގައި އުވާލައިފައެވެ.