ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް ވިސާ ދެމުން އަންނަނީ އެގައުމުގެ ސަރުކާރުން ހަަމަޖައްސަވާފައިވާ ހާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.
އެ ޓުވީޓުގައި މިނިސްޓަރު ޝާހިދު ވަނީ ވިސާ ލިބުމުގައި ހުރި ދަތިތަކެއް ހައްލެއް ހޯދުމަށް އެގައުމާއެކު މެދުކެނޑުމެއް ނެތި މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
"މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ހައްލެއް ލިބޭނެކަމަށް ޔަގީން ކުރަން،" ޝާހިދު ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ގޮތަކަށް އިންޑިއާއަށްދާ ނަމަ، އޮންއެރައިވަލް ވިސާ ދިވެހިންނަށް މިހާރު ވެސް ލިބެއެވެ. އެކަމަކު ބޭސްފަރުވާއަށްދާ ނަމަ، ވިސާ ހޯދަން ޖެހެނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށެވެ.
އިންޑިއާއަކީ ދިވެހިން ބޭސްވެރިކަމަށް ވަރަށް ގިނައިން ގޮސް އުޅޭ ގައުމެކެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އިންޑިއާ ބަންދުކޮށްފައި އޮތުމުން ބޭސް ފަރުވާއަށްދާނަމަ ދުރާލާ ކުރީބައިގައި ވިސާ ހޯދަން އެޕޮއިންޓްމެންޓް ހައްދަން ޖެހެއެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރީގައި ކިޔޫގައި ޖެހިގެން ވިސާ ހޯދަން ޖެހޭތީ، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު