ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި ޕްލެޔާސް ލައުންޖު ހުޅުވައިދެއްވައި "ހިތާރޫހުން ކުޅޭށެ ކުރިކެޓް" ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މާލޭ ކުޅިވަރު އެކުވެނީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޕްލެޔާސް ލައުންޖު ހުޅުވައިދެއްވައި އެތަން ބައްލަވައިލައްވައިފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑަރު އަދި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕްލެޔާސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން "ޖަލީލް މާލަމް" ގެ ނަމުގައި ތަރައްގީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކުރި ލައުންޖެކެވެ.
މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާހުކުރުމުގެ ގޮތުން މެޗެއްވެސް ވަނީ ކުޅެފައެވެ. އެ މެޗްގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސް ކުޅުއްވީ "ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. އަދި ނައިބު ކުޅުއްވީ "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ.
ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ނައިބު ރައީސްގެ ކެޕްޓަން ކަމުގައި ކުޅުނު ޓީމުންނެވެ. އެ ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑަ ހަދާފައިވާއިރު ރައީސްގެ ކެޕްޓަން ކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.
މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސް ސޯލިހާއި ނައިބު ރައީސަށް ވަނީ "ހިތާ ރޫހުން ކުޅޭށެ ކުރިކެޓް" ގެ ލޯގޯ ވެދުމަށް އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު