ދިރާގު ޓީވީގެ ހިދުމަތަށް އަލަށް އެދޭ އެ ކުންފުނީގެ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ، އަންނަ މަހުގެ 30 ގެ ކުރިން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް ވެސް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުން ތެރެއިން ނަސީބުވެރި އެއް ފަރާތައް ސެމްސަންގްގެ އެންމެ ފަހުގެ ފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެ ކަމަށެވެ. އަދި އިތުރު 10 ފަރާތަކަށް އެ ކަސްޓަމަރަކު ބޭނުންފުޅުވާ ޕެކޭޖެއްގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ތެރެއިން ގޯލްޑް ޕެކޭޖު ނަގާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނެގުން ވެސް އޮންނާނެއެވެ.

ދިރާގު ޓީވީއަކީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ޑިޒްނީ ޗެނަލްތަކާއި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް ހިމެނެއެވެ. އަދި ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން، އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.