މިދިޔަ އޮގަސްޓު މަހު ގްރީން ޓެކުހުގެ ގޮތުގައި 75 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ގްރީން ޓެކުހަށް ލިބޭ އާމްދަނީ ޖަމާ ކުރާ "ގްރީން ފަންޑު" ރިޕޯޓް ދައްކާ ގޮތުން އޮގަސްޓު މަހު ރިސޯޓުތަކުން ފަންޑަށް 72 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހޮޓާތަކުން އެއް މިލިއަން، ގެސްޓް ހައުސްތަކުން 1.5 މިލިއަން ރުފިޔާ ލިބުނެވެ. ސަފާރީތަކުން މިދިޔަ އޮގަސްޓު މަހު ލިބުނީ 790،501 ރުފިޔާ އެވެ.
މި އަދަދުތައް އެއްކޮށްލުމުން ގްރީން ޓެކުހުގެ ގޮތުގައި 75.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިއަހަރުގެ ޖުލައި މަހާ އަޅައި ބަލާއިރު، 47 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޖުލައި މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 28 މިލިއަން ރުފިޔާ އެވެ.
ޖުލައި މަހާ އަޅައި ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ އައްޑޫ ސިޓީންނެވެ. އެ އަތޮޅުން ޖުލައި މަހު 591 ރުފިޔާ ލިބުނު ނަމަވެސް، އޮގަސްޓު މަހު ވަނީ 421،287 ރުފިޔާ ލިބިފައެވެ. މުޅި ރާއްޖޭން ގްރީން ޓެކްސް ނުލިބޭ ހަމައެކަނި އަތޮޅަކީ ފ. އަތޮޅެވެ.
ގްރީން ފަންޑުގައި މިހާރު ޖުމުލަ އެއް ބިލިއަން ރުފިޔާ ހުރި އިރު، އޯގަސްޓް މަހު އެކަނި މި ފަންޑުން 32.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމަށާއި ހދ. ކުރިނބީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށެވެ. އެ ދެކަމަށް ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު