އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މާޔޫސް ވެއްޖެއެވެ. ތާރީހުގައިވެސް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕެއްގައި ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ބަލިވެއްޖެއެވެ. ދަނޑަށް ވަން އެތައް ހާސް ދިވެހީންނެއް ދަނޑު ދޫކޮށް ގޮސް ގެއަށް ވަންނަން ޖެހުނީ ހިތާމައިގައެވެ. އެކަން ސާފެވެ.
އެ ބައްޔާއެކު ހިތްހަމަ ޖެހޭނެ ދިވެއްސަކު ހުރެގެން ނުވާނެއެވެ. ރާއްޖެއިން ހިތްވަރާއެކު ކުޅުނު މެޗުގެ ފަހު ވަގުތު ނޭޕާލުން ޖެހި ގޯލާއެކު ކުޅުންތެރިންވެސް ފެނުނީ ނާއުންމީދުވެފައި ތިބި މަންޒަރެވެ.
އެކަމަކު އެ ކުލަވަރު ބަދަލު ވާންވީ ވަގުތު އަނެއްކާވެސް ޖެހިއްޖެ އެވެ. އެވާހަކަ ގައުމީ ކެޕްޓަން އަކުރަމް އަބްދުލްޣަނީވެސް ބުނެފިއެވެ. މިއީ އާ މެޗެކެވެ. އުންމީދު ގެނުވަން ލިބޭނެ ފުރުސަތެވެ. އެއްވެސް ސަބަބަކަށް ނުބަލައި މޮޅުވާން ޖެހިއްޖެއެވެ. ލީގު އުސޫލުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެމުން އަންނައިރު، ބައްޔަކާއެކުވެސް އަދި ފައިނަލްގެ ފުރުސަތު ގެއްލުނީއެއް ނޫނެވެ. އެހެން ނަމަވެސް ދެވަނަ ބައްޔެއް ވެއްޖެ ނަމަ، އެއީ ފައިނަލުގެ ފުރުސަތު ހަނިވީ އެވެ. އެކަން ޓީމަށް ވެސް އެނގެއެވެ. ކުޅުންތެރިންނަށްވެސް ސާފެވެ. އެކަން ކެޕްޓަން އަކުރަމް ކިޔައިވެސް ދީފިއެވެ.
"އެއްވެސް ފެކްޓާއަކަށް ބަލާކަށް ވަގުތެއް ނެތް. އަމިއްލަ ގައުމުގައި ނަތީޖާ ނެރެން ޖެހޭ. މެޗަކީ ކޮންމެ ހާލަތެއްގައިވެސް މޮޅުވާން ޖެހޭ މެޗެއް. އިތުރު އެއްވެސް ކަމަކަށް ނުބަލައި، މާދަމާ ރޭގެ މެޗުން މޮޅުވާން ނުކުންނާނީ،" ޕްރި މެޗު ޕްރެސްގައި އަކުރަމް އިއްޔެ ބުންޏެވެ.
ދެން ކެޕްޓަން ކިޔައިދިނީ އެންމެ ރެޔަކުން ބަލި ހަނދާން ނައްތާލައި، ކަންކަން ރަނގަޅު ކުރުމަށް ގައުމީ ޓީމުން ކުރި މަސައްކަތެވެ. އަކުރަމްގެ ވާހަކައިން އޭނާގެ ހިތްވަރު ސާފުވިއެވެ. ހުރިހާ ކުޅުންތެރިންގެވެސް އަޒުމް ވަރުގަދަކަން ކެޕްޓަންގެ ވަރުގަދަ ބަސްތަކުން ސާފުވިއެވެ.
"ނޭޕާލު މެޗު ނިންމާފައި ދިޔައިރު ހުރިހާ ކުދީންވެސް ތިބީ މާޔޫސްވެފައި. އަމިއްލަ ގައުމުގައި ކުޅެ ބަލިވާން ޖެހުމުން އެހެން ވާނެ. އެކަމަކު އަނެއް ދުވަހު ހޭލައިގެން ހުރިހާ ކުދިންގެ ފަރާތުންވެސް ފެނުނީ އިތުރު ހިތްވަރެއް. ފަރިތަކުރުންތައްވެސް އެއް ދުވަހަށްވުރެ އަނެއް ދުވަސް ރަނގަޅުވަމުން އައީ. ބަންގުލަދޭޝް މެޗުން މޮޅުވާން ކެތް މަދުވެފައި މިތިބީ ހުރިހާ ކުޅުންތެރިން. އިންޝާ ﷲ މޮޅުވާން ނުކުންނާނީ،" އަކުރަމް ބުންޏެބެވެ.
އެ ހިތްވަރު މެޗުގައި ދަމަހައްޓަން އަކުރަމްގެ އެދުމެއްވެސް އެބައޮތެވެ. 12 ވަނަ ކުޅުންތެރިޔާއަށް އޮތް ވާހަކައެކެވެ. "ދިވެހި ސަޕޯޓަރުން ވެސް ދަނޑަށް އައިސް ދިނުން އެދެން،" އަކުރަމް ޕްރެސްގައި ބުނެފައިވެއެވެ. ތަށި ދިފާއުކުރަން ރަތް ކުލައިގައި ދަނޑުގައި ސާބިތުވެ ތިބެންވީއެވެ. ތިންވަނަ ފަހަރަށް ތަށި ރާއްޖެއަށް ނެގެން އޮތީ ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ގައުމީ ސަޕޯޓަރުންވެސް ހިތްވަރު ކޮށްގެންނެވެ. ނާއުންމީދު އުންމީދަށް ބަދަލުކުރަން ލިބޭނެ ފުރުސަތަކީ މިރޭ 9:00 ގައި އޮންނަ މެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު