ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި އދ.ގެ އާންމު މަޖިލީހުގެ ދައުރު މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު ރާއްޖެ ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ގުޅިފައިވާ ބަޔާނެއްގައި ރައީސް ވިދާޅުވީ، ބައްދަލުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އދ.ގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވަނީ ހަމަހަމަގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ޝާހިދު ގެންގުޅޭ ސިޔާސަތަށް މަރުހަބާ ދަންނަވައިފައެވެ. އަދި ކޮވިޑު ވަބާގެ ސަބަބުން އިގުތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި އދ.ގެ އާންމު މަޖިލީހުގެ ދައުރުގެ މުހިންމު ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އދ.ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމެއް ތަމްސީލުކުރާ މަޖިލީހެއް ކަމަށްވާތީ އެފަދަ ކަންކަމުގައި އާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކުގައި ރާއްޖެއާއި އދ.އާ ދެމެދު ގުޅުން ބަދަހިކޮށް އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރެއްވި ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށް ގުޅުން އާލާކޮށް، ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމު ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކޮށް، އިންސާނީ ހައްގުތައް ނެގެހެއްޓުން ފަދަ ކަންތައްތައް ކުރިއެރުވުމަށް އދ.ގެ އާންމު މަޖިލީހުން އިތުރު އިސްކަމެއް ދޭނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު