އިންސާނުން ތަފާތު ތަކެއްޗާ ކައިވެނިކުރާ ވާހަކަތަކަކީ ދުނިޔޭގެ ސަމާލުކަމަށް އަންނަ ވާހަކަތަކެވެ.

މިކަން ކުރާ ބަޔަކު ކުރަނީ ދުނިޔޭގެ ސަމާލުކަން ހޯދަން ކަމެއް ނުވަތަ ސިކުނޑީގެ ތެތްކަމެއް ނެތީމަ ކަމެއް ބުނާކަށް ނޭނގެއެވެ. ކޮންމެއަކަސް މިދިޔަ މަހުގެ ތެރޭގައި ވަނީ އިންޑޮނޭޝިއާގެ ފިރިހެނަކު ރައިސް ކުކަރަކާ ކައިވެނިކުރި ހަބަރު ވައިގައި ހިފައިފައެވެ. އިންޑޮޮނޭޝިއާގެ ޖާވާގެ މަގެލަންގައި ދިރިއުޅެމުން އަންނަ ކޮއިރުލް އަނަމް އޭނާގެ ކައިވެނީގެ ފޮޓޯތައް ފޭސްބުކުގައި ހިއްސާކުރަމުން ބުނެފައިވަނީ އޭނާގެ އަންހެނުންނަކީ ''ދޮން'' ''ބަސްމަދު'' އަދި ''ކައްކަން ފިސާރި މޮޅު'' މީހެއް ކަމަށެވެ.

ކޮންމެއަކަސް މި ކައިވެނި މާ ގިނަ ދުވަހަކަށް ދެމިއެއް ނުއޮތެވެ. އަނަމް އޭގެ ކުޑަދުވަސްކޮޅެއް ފަހުން ކުރި ޕޯސްޓެއްގައި ވަނީ ''އަންހެނުން'' ވަރިކުރި ހަބަރު ދީފައެވެ. ދުނިޔޭގައި ''ޕާފެކްޓު'' ބައިވެރިން ނުލިބޭނެ ކަމަށާއި އޭނާގެ ހިތަށް ކިތަންމެ ބުރަ ނަމަވެސް އަންހެނުން ވަރިކުރަން ނިންމައިފިންކަމުގައި އަނަމް ވަނީ ބުނެފައެވެ.

އޭނާގެ މިވާހަކައަށް ޖޯކު ޖަހަމުން ކޮމެންޓު ކުރި މީހަކު ބުނެފައިވަނީ ކޮންމެ ކޮންމެ މީހަކަށް ޒަވާޖީ ހަޔާތެއްގެ ''ޕްރެޝަރު'' ހިފަހައްޓައި ނުލެވޭނެ ކަމަށެވެ.

އަނަމްގެ މި އާދަޔާ ހިލާފު ކުރު ކައިވެނީގެ ވާހަކަތަކަށް އަންނަނީ ދުނިޔޭގެ ސަމާލުކަން ލިބެމުންނެވެ.