މުނިފޫހިފިލުވުން

"ސްކުއިޑް ގޭމް" ގެ އިނގިރޭސި ސަބްޓައިޓަލް ގޯސްކަމުގެ ޝަކުވާ

މިދިޔަ މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރި ކޮރެއަން ސީރީސް ''ސްކުއިޑް ގޭމް'' އަންނަނީ ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ. ރިލީސްކުރިތާ އެންމެ ދެ ހަފުތާގެ ތެރޭގައި 90 ގައުމެއްގެ އެންމެ ގިނައިން ބެލި ސީރީސްގެ ގޮތުގައި ސްކުއިޑް ގޭމް ވަނީ ވެފަ އެވެ. ނެޓްފްލިކްސްއާ ދޯޅު ދިވެހިންގެ ލިސްޓުގައި ވެސް މި ސީރީސް ވަނީ އެންމެ ކުރިއަށް ޖެހިލައިފައެވެ.

ކޮރެއާ ބަހުން ގެނެސްދޭ މި ސީރީސް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދަމުން އައިސްފައިވީ ނަމަވެސް އޭގެ އިނގިރޭސި ސަބްޓައިޓަލް ގޯސް ކަމަށް ބައެއް މީހުން ބުނަން ފަށައިފިއެވެ.

ކޮރެއާ ބަހަށް ފަރިތަ ޔުންމީ މެޔާ ކިޔާ މީހަކު އޭނާގެ ޓުވިޓާގައި ބުނެފައިވަނީ ކޮރެއާ ބަހުން ދައްކާ ވާހަކަތަކުގެ މާނަ ސަބްޓައިޓަލްގައި ވަނީ ބަދަލުވެފައި ކަމަށެވެ. ކޮރެއާ ބަސް ރަނގަޅަށް ނުދަންނަ މީހަކާ ހަމައަށް އަސްލު އޭގެ ވާހަކަ ސަބްޓައިޓަލް އިން ގެނެސްދެވިފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

ޔުންމީ މެޔާގެ ޓުވީޓު---

އޭނާ ބުނީ ޑުރާމާގެ އަސްލު ޑައިލޮގު ލިޔެވިފައިވަނީ ވަރަށް ވެސް މޮޅަށް ކަމަށާއި ނަމަވެސް ތަރުޖަމާ ގެނެސްދެވިފައިވަނީ ވަރަށް ގޯސް ކަމަށެވެ. މިސަބަބާ ހެދި އޭގެ އަސްލު ބެލުންތެރިންނާއި ހަމައަށް ގެނެވިފައި ވަނީ ވަރަށް ކުޑަކޮށް ކަމަށް އޭނާ ފާހަގަ ކުރެއެވެ. އޭގެ ބައެއް މިސާލުތައް ދެއްކުމުގެ ގޮތުން ޑުރާމާގެ ބައެއް ޑައިލޮގުތަކާއި ސަބްޓައިޓަލް އާ ގުޅުމެއް ނެތްކަން ފެންނަ ބައެއް ވީޑިއޯތައްވެސް މެޔާ ވަނީ ޓުވިޓާގައި ހިއްސާކޮށްފަ އެވެ.

ސަބްޓައިޓަލްގައި މައްސަލަ އުޅުނު ނަމަވެސް ސްކުއިޑް ގޭމް މިވަނީ ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްފައެވެ. ޝޯ އުފެއްދި ވާން ޑޮން-ޔަކް ސްކުއިޑް ގޭމް ގެ ވާހަކަ ލިޔެފައިވަނީ 2009 ވަނަ އަހަރު އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސްޓޫޑިއޯތަކުން އޭނާގެ މި ވާހަކަ ބަލައިގަނެފައި ނުވާތީ އޭނާއަށް ލިބުނު މާލީ ދަތިކަން ފޫބައްދަން އޭނާގެ ލެޕްޓޮޕް އޭރު ވިއްކާލަން ޖެހުނު ކަމަށް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފަ އެވެ.

ސްކުއިޑްގޭމްގައި ފެންނަ ސައުތުކޮރެއާ ކާމިޔާބު ތަރިންގެ ތެރޭގައި ''ޓްރެއިން ޓު ބޫސާން'' ގެ ތަރި ގޮން ޔޫ، ''ޑެލިވާ އަސް ފްރޮމް ދަ އީވަލްސް'' ކުޅުނު އީ ޗަން-ޗޭ، ސައުތުކޮރެއާގެ މޮޑެލެއް ކަމަށްވާ ޗަންގް ހޯ-ޔާން ގެ އިތުރުން ''މިޑްނައިޓް'' އިން ވިދާލި ވި ހާ-ޖުން ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.