މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެގެން ކުރި ހުކުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ދެއްކުމަށް ކަނޑައަޅާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

ކޯޓުން މިއަމުރު ނެރެފައިވާ އިރު، ޔާމީންގެ އަތުން ފަސް މިލިއަން ޑޮލަރު ހޯދުމަށް އެދި އެޓާނީ ޖެނެރަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ފަށަން ވަނީ ތާވަލުކޮށްފައެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށާއި އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށްފަހު، އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑީޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާ މައްސަލަވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރި އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއްގެ ޝަރީއަތް ހިންގައި ގޮތެއް ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުން ކުރިއަށްގެންދާ މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ތާރީހު ކަމަށްވާ، 28 ނޮމެންބަރު 2019 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމް ކޮށްފައިވާ ފަސް މިލިއަން ޑޮލަރު، ހޯދުމަށް އެއްވެސް ކޯޓަކަށް ހުށަހަޅާފައިވާނަމަ އެކަމާބެހޭ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމަށާއި އެ ފައިސާ ހޯދުމަށް މީރާއިންވެސް އެއްވެސް މަސައްކަތެއް ނުކުރުމަށް މީރާއާއި ދައުލަތުގެ އެންމެހާ އިދާރާތަކަށް އަމުރު ކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑީޔާރުގެ މަހާޒުގެ އެ ރައުޔަށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތައީދު ކުރެއްވިއެވެ.