ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ކުރައްވާ މަސައްކަތަކީ މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ކުރާ ބުރަ މަސައްކަތަކީ ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށް ވުރެ މާބުރަ މަސައްކަތެއް ކަމަށެވެ. އަދި އެއީ މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއް ކަމަށާއި ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރާ ބަޔަކީވެސް މުދައްރިސުން ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ މުދައްރިސުން ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، އެމަނިކުފާނު ވަނީ ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ.

"މުދައްރިސުން އެ އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ނޫން. އެބޭފުޅުންގެ އަމިއްލަ ޝައުގުވެރިކަމާއި ހިތްޕުޅުގެ ލޯތްބާއެކު، ހަޔާތުގެ މުހިންމު އެތައް ދުވަސްތަކަކާއި އެތައް ވަގުތުތަކެއް ގުރުބާން އެ ކުރައްވަނީ، ގައުމުގެ ކުރިމަގުގެ ޖީލު ބިނާކުރެއްވުމަށް," އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މުދައްރިސުން އަދާކުރާ މަސްއޫލިއްޔަތަކީ ހަމައެކަނި ދަރިވަރުންނަށް ކިޔަވައި ދިނުމެއް ނޫން ކަމަށާއި މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ. މުޖުތަމައުގެ އެންމެހައި ނުކިއްސަރު ކަންތަކުން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައިވެސް، މުދައްރިސުން އަދާކުރަނީ ވަރަށް މުހިންމު ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރާ އިރު، ތައުލީމީ އުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ ކޮން ދާއިރާތަކަކުންތޯ ވިސްނައިލުން މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހިފައިވާ ކަންކަން ކަމަށެވެ.

ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ އަށަގަންނުވައި އިސްލާމީ ރިވެތި އަހުލާގާއި އިޖުތިމާއީ އަދަބު އިހުތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން މުޖުތަމައުގައި ހުރި މިފަދަ ކަންކަމަށް އެކަށޭނަ ހައްލެއް ހޯދިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.