ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ދިވެހި ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ރިސޯޓް، ކުރުނބާ ވިލެޖް ހުޅުވި ދުވަހެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އިރު ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާނެ ދުވަހެއް މިހާތަނަށް ކަނޑައެޅިފައި ނެތް ކަމަށެވެ.

"އެހެންކަމުން، އަޅުގަނޑުމެން މި ނިންމަނީ، ރާއްޖޭގައި ފުރަތަމަ ރިޒޯޓް ހުޅުވުނު ދުވަސް، އާދެ، ކުރުނބާ ވިލެޖުގެ ނަމުގައި މި ރިޒޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް، ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް... މިއީ، އާދެ، ކުރުނބާ ވިލެޖް ރިޒޯޓަކީ، ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓް. މާލެ އަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު، މި ރިޒޯޓް ހުޅުވިގެންދިޔަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަން ތަރައްގީކުރަން ފަސޭހަ ތަނެއް ނޫންކަން 1965 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދެއްކި ކަމަށާއި ނަމަވެސް މިއަދު ފަތުރުވެރިކަން ރާއްޖޭގައި ފުޅާވެފައިވަނީ ދިވެހިންގެ ތެރެއިން އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު ކުރި، ވަރަށް ގޮންޖެހުން ބޮޑު އަދި ބުރަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރައިލުން ކަމަށެވެ. އެކަން ކުރުމަށް ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމާއި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި އިންޓަނެޓްގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެސްޓްހައުސާއި ހޯމް ސްޓޭގެ ހިދުމަތް އޭރުން ގާއިމުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ތިމާވެއްޓާއި ރަށްޓެހި ސިޔާސަތުތައް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް ޕްލާސްޓިކާ މުޅިން ދުރަށްދާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހު 27 އެވެ. އެ ދުވަހަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހެވެ.