އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށް އޭނާ ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެންމެ ބާތިލުކޮށްފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއަށްފަހު ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލިއެވެ.

ނަމަވެސް އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް އޭނާ މިނިވަންކުރަން ހުސްވި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމް ކުރިއެވެ.

އެކަން ހިނގާފައިވާގޮތަކީ މި މައްސަލައިގައި އަމީންގެ މައްޗަށް ކުރި ދައުވާތަކާއި، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ އަމީންގެ ފަރާތުން އެ މައްސަލަ ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން، މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމިއެވެ. އަމީންގެ ފަރާތުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

އެ މައްސަލަ ބެލުމަށްފަހު، ހައިކޯޓުން އެ މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އަދި ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިނަމަ މައްސަލަ ބަލައިގަންނަންވާނެ ކަމަށްވެސް ކަނޑައެޅިއެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށްއެދި އަމީންގެ ފަރާތުން ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ.

މީގެ އިތުރުން އަމީންގެ މައްޗަށް ތަންފީޒު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާއްމު އިޖުރާއަތުކަން ސާބިތުވާތީ އާއި އެ ގާނޫނުގެ ދަށުން އެފަދަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގެން އޮންނަ އިރު، އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައި ވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކޮށްފައިވާ ދެ ދައުވާ އަކީ މައުލޫއީގޮތުން ބެލޭނެ ދައުވާތަކެއް ނޫން ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށް ހުކުމްގައިވެއެވެ.

ބެލެވޭ ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީން ބަންދު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދު ކުރާ މީހެއްގެ މައްޗަށް 30 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހުނު ނަމަވެސް, ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބަންދުކުރާ މީހެއްގެ މައްޗަށް ދައުވާކުރަން 45 ދުވަސް ލިބެއެވެ. އެއަށް ބަލައިގެން އަމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ވެސް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ހައިކޯޓުގެ ނިންމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔުގެ މައްޗަށް ބިނާކޮށް ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑީޔާރު އާއިޝާ ޝުޖޫން އިއްތިފާގުވެ ވަޑައިގެންނެވީ މި ހުކުމްގައި ވަނީ ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރާ ކަމަށެވެ.

އޭގެ އިތުރުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުން ބާތިލުކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.