ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ. ތިނަދޫ، އަސޭގެ ސަމާއު އަހުމަދު ނަޖީބެވެ.

ސަމާއު މި މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯޯލިހު ވަމީ ސަމާއު އާ ހަވާލު ކުރައްވައިފަ އެވެ.

މަގާމާ ހަވާލުވެ ވަޑައިގެން ސަމާއު ވަނީ ރައީސް ސޯލިހުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައިފަ އެވެ. މި ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއި ޝަުޖޫން މުހައްމަދެވެ.

ސަމައޫ މީގެ ކުރިން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު ފުރުއްވާފަ އެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަގާމުވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ފުރުއްވާފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް މެލްބަން އިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު ވަނީ އިންސާނީ ހައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނާ ތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން، އޭނަ އަކީ އދ ގެ ޔޫއެންސީއޭސީ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.