ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ވުމުން ލިބިދޭ އިމްތިޔާޒުތައް އެންމެ އެކަށީގެންވާ ފެންވަރަށް ނުލިބޭ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޝަކުވާކޮށްފިއެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕުގައި އިމްތިޔާޒުތަކާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ޝަކުވާކުރީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ. އިކްރާމް ވިދާޅުވީ، މަޖިލިސް ޖަލްސާގައި މެމްބަރުގެ ނަމުގެ ކުރިއަށް "އިއްޒަތްތެރި" ކިޔަސް މަޖިލީހުން ބޭރުގައި އުޅޭ ވަގުތު އިއްޒަތްތެރިކަން ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ ބޭރު ތެރޭގައި އުޅޭ އިރު، ހުރިހާ ގޮތަކުންވެސް ނިކަމެތިވާ ކަމަށާއި އެހެންކަމުން މެންބަރުންގެ ކުރިއަށް "ނިކަމެތި" މެމްބަރުންގެ ކިޔަންޖެހޭ ކަމަށެވެ.
"އިއްޒަތްތެރިކަން ނުލިބޭ ނަމަ، އިއްޒަތްތެރި މެންބަރު ކިޔުމުގެ ބަދަލުގައި ނިކަމެތި މެންބަރުން ކިޔުން ރަނގަޅުވާނެ، އޭރުން ރައްޔިތުުން އަދި މާއުފާވޭނެ" އިކުރާމް ވިދާޅުވިއެވެ.
އިކުރާމުގެ އެ ވާހަކަތަކަށް އުނގޫފާރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ތާއީދުކުރައްވައި އޭނާ ވަނީ، އެއާޕޯޓު ވީއައިޕީ ލައުންޖު މެންބަރުންގެ ރަށްޓެހިންނަށްވެސް ބޭނުންކުރެވޭ ގޮތަށް ނިންމި ނިންމުން މަޖިލީހުގެ ރިޔާސަތުން ތަންފީޒު ނުކުރުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އަދި ރޭ ރާއްޖެއާއި ނޭޕާލް ކުޅުނު ފުޓްބޯޅަ މެޗުގެ ޓިކެޓު ގަންނަން ކިޔުލައިނުގައި މަޑުކުރަން ޖެހުމުން އެކަމުގެ ނުރުހުންވެސް އިސްމާއީލް ފާޅުކުރެއްވިއެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މެންބަރުންގެ ބޭނުން ޖެހެނީ ކޮންމެ އަހަރެއްގެ ބަޖެޓު ފާސްކުރަން އަދި ވަޒީރުންނަށް ރުހުން ދޭން ކަމަށެވެ.
އެ މެމްބަރުންގެ ޝަކުވާތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްދުދެއްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ފާޑު ކިޔަނީ ބޮޑޭ ހެދިގެން އުޅޭވަރުން ކަމަށެވެ. އަދި މެންބަރުންނަށް ވަކިކަހަލަ އިމްތިޔާޒުތަކެއް މިހާރުވެސް ލިބެނީ މެންބަރުން ހައްޔަރުކޮށްފާނެކަމުގެ ބިރަށް ކަމަށާއި ގަދަރާއި އިއްޒަތަކީ އެމީހަކު އަމިއްލައަށް ހޯދުމުން ލިބޭ އެއްޗެއްް ކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު އިސްމާއީލުގެ ޝަކުވާތަކަށް ނަޝީދު ވަނީ ވަރަށް ސީދާ ގޮތެއްގައި ޖަވާބު ދެއްވައިފައެވެ.
"ކިއުގައި ޖެހި، އަނެކަކަށް ޖާގަ ދިނުމަކީ ވަރަށް ރަނގަޅު އަހުލާގެއް. މަޖިލިސް މެންބަރުން ހުންނަވަން ރަނގަޅުވާނީ ކިއުގެ އެންމެ ފަހަތުގައި، ރައްޔިތުން އިސްކުރައްވާ، ހަމަގައިމުވެސް މި އިނގިރޭސި ވިލާތުގައި މެންބަރަކަށް ކިއު ފާޅާފައި ދެވޭނެ އެއްގޮތެއްވެސް ނޯންނާނެ" ނަޝީދު ވިދާޅުވިއެވެ.
ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މެންބަރުންނަށް ލިބޭ އިމްތިޔާޒުތަކަކީ މެންބަރުން އަމިއްލައަށް ހަދައި ގާނޫނުތަކާއި ގަވައިދުތަކުން ފާސްކޮށްގެން ކުރާކަމެއް ކަމަށާއި އެއީ "މަޖިލިސް އިދާރާ ނުވަތަ މަޖިލިސް ރައީސް" ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ. އަދި އިކުރާމް ބޭނުންވަނީ މެމްބަރުން ކިޔުގައި ނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކުރަންތޯ އީވާ އެއްސެވިއެވެ.
ޚަބަރު
ޚަބަރު