ހުޅުމާލެ ފޭސް 2ގައި ޕްރައިވެޓް ސްކޫލެއް އަޅަން އައިލެންޑާސް އެޑިއުކޭޝަންއާ ހަވާލުކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި އައިލެންޑާސްއާ ދެމެދު ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދުލީ ރަޝީދެވެ.
އަދުލީ "ވަން" އަށް ވިދާޅުވީ، އައިލެންޑާސް އިން އަޅާ މި ސްކޫލުގެ މަސައްކަތް ކުރިއަށްދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ސްކޫލުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް އިދާރީ މަސައްކަތްތައް ނިމުމުން ފަށައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
އަދުލީ ވިދާޅުވީ، ސްކޫލު އަޅަން އައިލެންޑާސްއަށް ދޫކޮށްފައިވާ ބިމަކީ ފޭސް 1ގެ އާންމުން ދިރިއުޅޭ ހިސާބުން ހިނގާލާފައި ދެވޭހާ ކައިރީގައި އޮންނަ ބިމެއް ކަމަށެވެ. އަދި މިއީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭނެ އިންޓަނޭޝަނަލް ސްކޫލެއް ކަމަށް ވިދާޅުވިއެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ރާއްޖޭގައި މިހާރުވެސް ގެންދަނީ ހަތަރު ސްކޫލެއް ހިންގަމުންނެވެ. އެއީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އަދި އަމީރު އަހުމަދު ޕްރީ ސްކޫލެވެ.
ޚަބަރު
ޚަބަރު
ޚަބަރު