އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވައިލި މައްސަލައިގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުއްތަމަފަނޑިޔާރު މުއުތަސިމް ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސެކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް އިއްޔެ މީހަކު ވަދެފައިވުމަކީ އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާ މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް، އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށްފައިވީ ނަމަވެސް އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނި އާއިލީ ގެކޮޅުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ، އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު