މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާން ނުކުތީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 ޕަސެންޓް މެމްބަރުންކަން އެޕާޓީން މިއަދު އާންމު ކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓާސް ލިސްޓު އެކުލަވާލާފައިވަނީ އެ ޕާޓީގެ ދަފުތަރުގައި ހިމެނިފައިވާ މެމްބަރުން ހިމަނައިގެންނެވެ. އެގޮތުން އެމްޑީޕީން އާންމުކުރި ދާއިމީ ލިސްޓުގައި 93،646 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލާފައިވަނީ 47،100 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 50.3 ޕަސެންޓެވެ.
އެމްޑީޕީން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލީހުގެ 65 ގޮނޑި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ލިބިފައިވާ ކަމަށާއި އަދި އިންތިހާބުގެ ގިނަ ދާއިރާތަކަށް ހޮވިފައިވަނީ ރައީސްގެ ކެންޑިޑޭޓުން ކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ގިނަ ކެންޑިޑޭޓުންތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިންވެސް ރައީސް ނަޝީދު ފާޅުގައި ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ކެންޑިޑޭޓުންނަށެވެ.
މި އިންތިހާބުގައި އެންމެ ވަރުގަދަ ކެމްޕެއިނެއްކޮށް، ވާދަވެރި އިންތިހާބެއް އޮތީ މާލެ ސިޓީގެ ދާއިރާއަށެވެ. އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގެ ގޮނޑީގައި ފެށުނީއްސުރެ އިންނަވާ އަކުރަމް ކަމާލުއްދީން ބަލިކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. މާލެ ސިޓީގެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން 13084 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، ވޯޓު ލާފައިވަނީ 4،097 މެމްބަރުންނެވެ.
މި އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ވަޒީރުންވެސް ވަނީ ދާއިރާ ކާމިޔާބުކުރައްވައިފައެވެ. އެގޮތުން އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި މިނިސްޓަރު ފައްޔާޒު ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެމްޑީޕީގެ މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކޮށް ކާމިޔާބު ހޯއްދަވައިފައެވެ. އަދި އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އިންތިހާބުވެފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރެއްވި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެފައެވެ. އެގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރެއްވި އިރު، ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ ގައްދޫ ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެފައެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ބިލެތްދޫ ދާއިރާގެ ރައީސްކަން ކާމިޔާބުކުރައްވައިފައެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ތިނަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ވާދަކުރައްވައި ކާމިޔާބު ކުރައްވާފައިވާ އިރު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްވެސް ވަނީ ފޮނަދޫ ދާއިރާގެ ރައީސްކަމަށް އިންތިހާބުވެފައެވެ. ކުޑަހުވަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި އެޗްޑީސީގެ މިހާރުގެ ސީއޯއޯ ޝާތިރު އަބްދުއްރަހުމާނުވެސް ވަނީ އިންތިހާބުވެފައެވެ.
މި އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރިއެވެ. އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު