މައުލޫމާތު ހޯދައި ލިބިގަތުމުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ހައިކޯޓުން ނެރެފައިވާ ހުކުމް ގޯސް ކަމަށް އެ މައްސަލައިގެ ހިމެނޭ ހުރިހާ ފަރާތަކުން ބުނެފިއެވެ.
ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއިން އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް ވަޒީފާއިން ވަކިކުރި މުވައްޒިފުން އެދުމުން އެމްޑަބްލިޔުއެސްސީއިން އެކަމަށް އިޖާބާދީފައެއް ނުވެއެވެ.
އެމްޑަބްލިޔުއެސްސީއިން އެ ރިޕޯޓު ނުދިނުމުން ވަޒީފާއިން ވަކިކުރި މުވައްޒަފު ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހަޅައިފައެވެ. އިންފޮމޭޝަން ކޮމިޝަނަރު އެންގީ އެ ރިޕޯޓު ވަޒީފާއިން ވަކިކުރި މުވައްޒިފަށް ދޫކުރުމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީއިން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ހުށަހެޅޭނެއެވެ.
އެމްޑަބްލިޔުއެސްސީއިން އެމައްސަލަ ހައި ކޯޓްގައި އިސްތިއުނާފުކުރަން ހުށަހެޅުމުން، އެ ކޯޓުން ނިންމީ އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ މައްސަލައެއް ކަމަށެވެ. ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ކޯޓުތަކުގެ ގާނޫނަށް ރިއާޔަތްކުރުމަށްފަހުއެވެ. ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ބާރު ދެނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ބެލުމަށެވެ. ހުށަހަޅާފައި އޮތީ ދަށު ކޯޓަކުން ނިންމި މައްސަލައެއް ނޫނެވެ. ހަމަ އެގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޓްރައިބިއުނަލެއް ނޫންކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. ހައި ކޯޓުން ދެކުނީ އިންފޮމޭޝަން ކޮމިޝަނަރަކީ ފަރުދެއް ކަމަށެވެ.
ހައި ކޯޓުން ކޯޓުތަކުގެ ގާނޫނު އެގޮތަށް މާނަ ކުރުމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގަށް ހުރަސް އެޅުނީއެވެ. ހައި ކޯޓުގެ އެ ހުކުމް ގާނޫނާ ހިލާފުކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ވެސް ވަނީ ހައި ކޯޓުގެ އެ ހުކުމް ގާނޫނަށް ހިލާފުކަމަށް ބުނެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައެވެ.
އޭޖީ އޮފީހުންނާއި އެމްޑަބްލިޔުއެސްސީންނާއި ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ރައްދުވަނީ އިންފޮމޭޝަން ކޮމިޝަނަރެވެ.
އިއްޔެ ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. ޝަރީއަތުގައި އޭޖީ އޮފީހުންނާއި އެމްޑަބްލިޔުއެސްސީން އަދި އިސްތިއުނާފު ރައްދުވާ އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ވެސް ބުނީ ހައި ކޯޓުގެ ހުކުމް ގާނޫނާ ހިލާފު ކަމަށެވެ.
ޝަރީއަތުގައި އޭޖީ އޮފީހުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ އޭޖީ އޮފީހުން ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރީ އަސާސީ ހައްގެއް ހަނިވާތީ ކަމަށެވެ. އަދި ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ލިޔެފައި އެބަ އޮތް ކަމަށެވެ. އެގޮތަށް ލިޔެފައި އޮތްއިރު ވެސް ހައި ކޯޓުން އިންފޮމޭޝަން ކޮމިޝަނަރަކީ ފަރުދެއްގެ ގޮތަށް ކަނޑައެޅީ ގާނޫނު ގޯސްކޮށް މާނަކޮށްގެން ކަމަށް ސަނާ ވިދާޅުވިއެވެ.
ކޯޓުތަކުން ގާނޫނުތައް މާނަކުރާއިރު ގާނޫނުގެ މަގުސަދާއި ނިޔަތަށް ބަލަން ޖެހޭ ކަމަށް ސަނާ ވިދާޅުވި އެވެ. އަސާސީ ހައްގަކާ ގުޅޭ ކަމެއް މާނަ ކުރަންވާނީ އެ ހައްގެއް އެންމެ ފުޅާ ގޮތެއްގައި ލިބިދެވޭ ގޮތަށްކަން މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ޝަރީއަތުގައި ސަނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން ހައި ކޯޓުގެ ހުކުމް ބާތިލު ކޮށްދިނުމަށް ސަނާ ވަނީ އެދިފައެވެ.
އެއަށްފަހު ވާހަކަ ދެއްކީ އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ވަކީލު މަރިޔަމް ޝުނާނާ އެވެ. ޝުނާނާ ވެސް ވިދާޅުވީ ކޯޓުން ގާނޫނު މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށާއި ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ބަލާފައި ނުވާ ކަމަށެވެ. އެގޮތުން ގާނޫނުގެ ނިޔަތާއި ގާނޫނުން ހާސިލު ކުރަން ބޭނުންވާ މަގުސަދަށް ބަލާފައި ނެތް ކަމަށެވެ. އެހެންކަމުން ހައި ކޯޓުގެ ހުކުމް ބާތިލުކުރަން އޭނާވެސް އެދުނެވެ.
އެމްޑަބްލިޔުއެސްސީގެ ވަކީލު މުހައްމަދު ޝަހުދީ ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތަކަކީ ފަރުދަކު ނިންމާ ނިންމުމެއް ނޫން ކަމަށާއި އެއީ މުއައްސަސާއަކުން ނިންމާ ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ، ކޯޓުތަކުގެ ގާނޫނުގައި ވަކި މައްސަލަތަކެއް ބެލުމުގެ އިހުތިސޯސް ހައިކޯޓަށް ކަނޑައަޅާފައި އޮތްވައި، އެހެން ގާނޫނަކުން ހައިކޯޓަށް އިހުތިސޯސެއް ކަނޑައަޅައިފިނަމަ ހައި ކޯޓުން އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމުންތަށް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންވާކަމަށް ފާހަގަ ކުރައްވައި ޝަހުދީ އެދިވަޑައިގަތީ ހައި ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ. ރިޔާސަތު ބަލަހައްޓަ ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.
މައްސަލައިގެ ހިމެނޭ ހުރިހާ ހަސްމުން ހައި ކޯޓުގެ ހުކުމް ބާތިލުކޮށްދޭން އެދިފައިވާތީ އެ މައްސަލައިގެ އަޑު އެހުން ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު