ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރައްޓެހީންނަށް އެއާޕޯޓުގެ ވީއައިޕީ ލޯންޖްގެ ހިދުމަތް ރައްޔިތުންގެ ފައިސާގައި ދޭން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިހާރު އޮންނަ ގޮތުން ނަމަ، މަޖިލިސް މެންބަރަކާ އެކު އެއާޕޯޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، ވީއައިޕީ ލޯންޖް ބޭނުން ކުރެއްވޭނީ އެ މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ ނުވަތަ ދަރީންނަށެވެ. އެހެން ނަމަވެސް މެންބަރުންގެ ރައްޓެހީންނަށް ވެސް ލޯންޖް ހިލޭ ލިބޭ ގޮތަށް ހަމަޖައްސަން މަޖިލީހުގެ އާންމު ކޮމެޓީން ނިންމި މައްސަލައެއް އިއްޔެ ވަނީ މީޑިއާ ތަކަށް ތިލަ ވެފަ އެވެ. މި މަހުގެ 20 ވަނަ ދުވަހު ބޭއްވި އާއްމު ކޮމެޓީގެ އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެކެވެ. ކޮމެޓީގެ މި ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.
މި މައްސަލައިގައި ސުވާލު ދެންނެވުމުން، އީވާ ދާދި ދެންމެ "ވަން" އަށް ވިދާޅުވީ ކޮމެޓީން އެ ގޮތަށް ނިންމެވި ނަމަވެސް، އެއީ އަދި އެމައްޗަށް އަމަލުކުރެވޭ އެއްޗެއް ނޫން ކަމަށާއި އެކަމަށް ތާއީދު ވެސް ނުކުރައްވާނެ ކަމަށެވެ. އެ ކަން ބަދަލު ކުރުމަށް އާންމު ކޮމެޓީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އިވާ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކަށް އެ ފަދަ ބަދަލެއް ގެނައުމަކީ މަޖިލީހުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައެއް އަންނާނެ ކަމެއް. އެ ނިންމުން ބަދަލުކުރުމަށް ކޮމެޓީއާ ބައްދަލުކޮށް އަޅުގަނޑު މަޝްވަރާ ވެސް ކުރާނަން. އެއްވެސް ހާލެއްގައި ރައްޔިތުންގެ ފައިސާއިން އެ ހަރަދު ކުރާން އަޅުގަނޑު ތާއީދެއް ނުކުރަން." އީވާ ވިދާޅުވި އެވެ.
އީވާ އިތުރަށް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް އައި އިރު، މިކަން އޮތީ ހުޅުވާލައިފައި ކަމަށާއި އެއްވެސް ކޮންޓްރޯލެއް ނެތް ކަމަށެވެ. އެއިރު އޮތީ މެންބަރުން ބޭނުން ވަރަކަށް މީހުން ގެންދެވޭ ގޮތަށް ކަމަށާއި އޭގެ ބިލުތަކަށް ފައިސާ ދައްކަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
"އަޅުގަނޑުމެން 19 ވަނަ މަޖިލިސް އައި އިރު ތިކަމުގަ އެއްވެސް އުސޫލެއް ނެތް. ބޭނުން ވަރަކަށް މީހުން ގެންދެވޭ ގޮތަށް އޮތީ އަދި އެ ގޮތަށް ކަންތައް ވަމުންވެސް ދިޔައީ. އެ ހުރިހާ ފައިސާއެއް ދައްކަމުން ދިޔައީ މަޖިލީހުގެ ބަޖެޓުން. އަޅުގަނޑުމެން އެކަން ކޮންޓްރޯލު ކުރީ. އެއީ މަންމަ އާއި ބައްޕަ، ސްޕޮއުސް (އަނބި މީހާ ނުވަތަ ފިރިމީހާ) އަދި ދަރީންނަށް އެކަނި ދޭ ގޮތަށް." އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަަސަން ޒިޔާއު ވިދާޅުވީ އާންމު ކޮމެޓީން ނިންމާފައި އޮތީ މެންބަރުންނަށް ރައްޓެހީންގެ ގޮތުގައި ދެ މީހަކު އިތުރަށް ގެންދެވޭ ގޮތަށް ހަމަޖައްސަން ކަމަށާއި އެހެން ނަމަވެސް އެ ކަމަށް މަޖިލީހުގެ ރިޔާސަތުގެ ތާއީދު ނެތް ކަމަށެވެ. އެހެން ކަމުން އެ ނިންމުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ވެސް ނުވާ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ