އަފްގާނިސްތާނުގެ ޔުނިވާސިޓީތަކަށް އަންހެނުން ކިޔަވަން ދިއުމާއި އެފަދަ ތަންތަނުގައި އަންހެނުން ކިޔަވައިދިނުން ތާލިބާނުން މަނާކޮށްފިއެވެ.
ތާލިބާންގެ ފަރާތުން ކާބުލް ޔުނިވާސިޓީގެ އާ ޗާންސެލަރު ކަމާ ހަވާލުވި މުހައްމަދު އަޝްރަފު ގައިރާތް ވިދާޅުވީ, އިސްލާމްދީނަށް އަމަލުކުރާ މާހައުލެެއް ގާއިމު ކުރެވެންދެން ޔުނިވާސިޓީތަކަށް އަންހެނުން ކިޔަވަން ދިއުމާއި މަސައްކަތު ދިއުން މަނާވާނެ ކަމަށެވެ.
ގައިރާތަކީ އަފްގާނިސްތާނުގެ ސްކޫލުތަކަކީ ހަށިވިއްކާ ސެންޓަރުތަކެއް ކަމަށް ބުނެ ފާޑުވިދާޅުވި ބޭފުޅެކެވެ.
ޔުނިވާސިޓީތަކަށް އަންހެނުން ކިޔަވަން ދިއުން ތާލިބާނުން މަނާކުރި އިރު, ސްކޫލުތައް ބަންދުކޮށްފައި ހުރުމުން އަފްގާނިސްތާނުގެ އެތައް ހާސް ދަރިވަރުންނެއް އަދިވެސް ތިބީ ގޭގައެވެ. އަދި އެމެރިކާއިން 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކޮށްގެން ހެދި ދަ އެމެރިކަން ޔުނިވާސިޓީ އިން އަފްގާނިސްތާނުގައި ކިޔެވުން މަނާކޮށް, އެތަން މިހާރު ބޭނުން ކުރަމުންދަނީ ތާލިބާންގެ ހަނގުރާމަވެރިންނެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާން ހިފައި, އެގައުމުގައި އަތްގަދަކުރަމުންދާ ތާލިބާންގެ މި ނިންމުމަކީ އެ ޖަމާއަތުގެ ދަށަށް ބާރުތައް ގެނައުމަށްފަހު ދެއްކި ވާހަކަތަކާ މުޅިން ހިލާފު ނިންމުމެކެވެ.
އެގޮތުން ތާލިބާންގެ އޮފިޝަލުން މީގެ ކުރިން ވަނީ, އެމީހުންގެ ވެރިކަމެއްގައި އަންހެނުންނަށް ލާބައަށް މަސައްކަތް ކުރާނެ ކަމަށާއި މަސައްކަތު ދިއުމާއި ކިޔެވުމަށް އަދި ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް އޭގެން އެއްވެސް ކަމެއް މިހާތަނަށް ވެފައިނުވާ އިރު, އެ ޖަމާއަތުން މުޅި އަފްގާނިސްތާނުގައި 1996 އިން 2001 އަށް ވެރިކަން ކުރި އިރު, އާއިލީ ގޮތުން ގުޅުން އޮންނަ ފިރިހެން މީހަކާ އެކު ނޫން ގޮތަކަށް އަންހެނުންނަށް ބޭރަށް ނުކުތުން މަނާކުރުމާއި އަދި އެކަމާ ހިލާފުވެއްޖެނަމަ އަދަބު ދީފައިވެއެވެ.