މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން އެތެރޭގެ އުދުހުންތަކުގައި ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އޭވިއޭޝަން ސެކިޔުރިޓީގެ ޑައިރެކްޓާ ޖެނެރަލް ހުސައިން ނަޒީފް ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރެވޭ ލިޔެކިޔުން ހޯދުމުގައި ދަތިތައް މެދުވެރިވާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މިމައްސަލަ ހައްލު ކުރުމަށްޓަކައި ބައެއް ލިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ، އެތެރޭގެ އުދުހުންތަކަށް ޓިކެޓް ގަތުމަށާއި ޗެކިންވުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކައި އެލިޔުންތައްވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސާކިއުލާގައިވެއެވެ.

  • ޕާސްޕޯޓް
  • އައިޑީ ކާޑު
  • ވޯކް ވިސާ ކާޑު
  • ލައިސަންސް ކާޑު
  • އެއާޕޯޓް ސެކިއުރިޓީ ފާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ޑިފެންސް މިިނިސްޓްރީން އެހެން ގޮތެއް ހަމަޖައްސަންދެން މިގޮތަށް އަމަލު ކުރުމަށް އެ ސާކިއުލާގައި އެދިފައިވެއެވެ.

ކޮވިޑާ ގުޅިގެން މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ބޭނުންކޮށްގެން އެތެރޭގެ އުދުހުންތަކުގައި ދަތުރު ކުރެވޭ ގޮތަށް ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވަނީ މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްގައި ދަތުރުނުކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ.