ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރީންގެ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަން އިން ގޮވާއިފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކު ރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތަކެއް ވަނީ ހިމަނައިފަ އެވެ.

މިބިލުގެ 136 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް، މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ. ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިޔަކު ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަން ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދައި، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ.

މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވަނީ "ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ." ކަމަށެވެ.

މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެކެވެ.

މިބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދެ ހާލަތުން ކުރެ އެއް ހާލަތަކީ ވެސް އެއްވެސް ޒާތީ ތައައްސުބެއް ނެތި، ހަމައެކަނީ ހެއްކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫންކަން، މިގުޅިފައިވާ ބަޔާނުގައި ބައިވެރިވާ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ. އެއީ ބަޔާންކޮށްފައިވާ ހާލަތްތަކުން ހާލަތެއް މެދުވެރިވޭތޯ ނުވަތަ ނޫންތޯ ކޯޓުން ގޮތެއް ނިންމަން ޖެހޭނީ ބަލަމުން އަންނަ މައްސަލައެއްގައި ހިމެނޭ މަސްދަރަކީ ކާކުން ކަން ނޭނގި ކަމަށް ވެސް ވުމާ އެކުގަ އެވެ.

މިދެ ހާލަތަކީ އޮބްޖެކްޓިވް އަދި ކޮލިޓޭޓިވް މިންގަނޑަކުން ވަޒަން ކުރުން ނާދިރު ދެ ހާލަތް ކަމަށް ވެފައި، އެކަމާ މެދު ޔަގީންކަމާއެކު ގޮތެއް ނިންމުމަކީ ނުވާނެ ކަމެއް ކަމުން، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެންދާނެ ކަމަށާއި ހަމަ އެއާ އެކު، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް-ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެއް ކަމަށް ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިބިލު މިހާރު އޮތް ގޮތަށް ގާނޫނަކަށް ވެގެން އައިސްފި ނަމަ، އެކަމުގެ ސަބަބުން ނޫސްވެރިންގެ މަސްދަރުތައް ގެއްލުން ނުވަތަ ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް ނޫސްވެރިން ބޭނުން ކުރާ މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވީ މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ސާފު ކަމަށާއި މިއާއެކު މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާ ކުރަން ހޯދުނު ކުރިއެރުންތައް ވެސް ގެއްލިގެންދާނެ ކަމަށެވެ. އެހެން ކަމުން ލަސް ނުވެ، ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމަށް ލިބިދީފައިވާ ހައްގަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެވެ.

އައިއެފްޖޭގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޖޭން ވާތިންޓަން ވިދާޅުވީ މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މިއޮތް ގޮތަށް ބިލު ފާސްވެއްޖެ ނަމަ، ވޭތުވެދިޔަ ތާނގައި ނޫސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް އިސްލާހުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތައްވެސް ނުރައްކަލުގެ ތެރެއިން ހުށަހެޅިގެންދާނެ ކަމެއް ކަމަށެވެ.

މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމުން ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރެވޭ މި މަސައްކަތާ ދެކޮޅު ހަދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި މީގެ ކުރިން މިސަރުކާރުން އަބުރުގެ ގާނޫނު އުވާލައި ގާނޫނާ ހިލާފަށް ކުރެވޭ ކަންކަން ކާކުކަން ހާމަ ނުކޮށް ރިޕޯޓްކުރުމަށް ބާރުއަޅާ ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގެ ގާނޫނު ތަސްދީގުކުރީވެސް މިސަރުކާރުން ކަމަށެވެ. މިހާރު މިއޮތް ގޮތަށް ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފި ނަމަ މިހޯދުނު ހުރިހާ ކުރިއެރުންތައް ގެއްލިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

" މިކަންކުރުމުގެ ނިޔަތަކީ ކޮބައި ކަމެއް ސާފެއް ނޫން. މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ގެއްލޭ ގޮތަށް ހުރި މާއްދާތައް ވަގުތުން ވަގުތަށް އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުން ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންނަކީ ޑެމޮކްރަސީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަދި ނޫސްވެރިންގެ މަސްދަރު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ހުރިހާ މާއްދާއެއް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާ ވަނީ ގޮވާލައްވައިފަ އެވެ.

"ނޫސްވެރިންގެ މަސްދަރުތައް ހާމަކުރަން މަޖުބޫރުކުރުމަކީ މީޑިއާ އެތިކްސް އާއި، ނޫސްވެރިންގެ ހައްގުތަކާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގައި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޔާމިނީ މިޝްރާ ވަނީ ވިދާޅުވެފަ އެވެ.