އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ނޯތު ލަންޑަން ޑާބީގައި އާސެނަލްއިން 3-1 އިން ޓޮޓެންހަމް ބަލިކޮށްފިއެވެ.

އުނދަގޫ ހާލަތެއްގައި ސީޒަން ފެށި އާސެނަލްއިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހާފައިވާއިރު، މެޗުގައި ފެނުނީ ތަފާތު ރޫހެއްގައި އޮތް އާސެނަލް ޓީމެކެވެ. ފުރަތަމަ މިނެޓުން ފެށިގެންވެސް އާސެނަލް އިން ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުން ދިޔައިރު، އެޓީމުން ތިން ގޯލްވެސް ޖެހީ ފުރަތަމަ ހާފުގައެވެ.

ރީތި ކުޅުންތަކާއެކު އާސެނަލް އިން ގޯލުތަކަށް ފުރުސަތު ފަހިކޮށްފައިވާއިރު، އެޓީމުގެ ފަރާތުން ޕާސިން ރީތި ކޮމްބިނޭޝަންތަކެއް ވެސް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ 12 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު ނެގިއެވެ. އެ ގޯލައަކީ އަރިމަތިން ބުކަޔޯ ސަކާ ތިރިތިރިން ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި އޮވެ އެމީލް ސްމިތު ރޯ ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް އެހިސާބުން މަޑު ޖެހިލީއެއް ނޫނެވެ. މޮޅަށް ކުޅެ، ސްޕާސް އަށް ޕްރެޝަރު ކުރަމުން ގޮސް، 27 މިނެޓުގައި ހެދި ކައުންޓާއެއްގައި ދެވަނަ ގޯލެއް ޖެހިއެވެ. ފަހަތުން ފަށައިގެން ޕާސް ޖަހަމުން ކުރިއަށް ގޮސް، ހިތްގައިމު ކަމާއެކު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލީ ކެޕްޓަން ޕިއޭ އެމެރިކް އަބަމަޔާން އެވެ. އަދި ހާފް ނިމުމުގެ ކުރިން އިތުރު ކައުންޓާ އެޓޭކެއްގައި ސަކާ ވަނީ އާސެނަލްގެ ތިންވަނަ ގޯލު ޖަހައިދީފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ހިއުން މިއުން ސޮންގެ ގޯލަކާއެކު ޓޮޓެންހަމް އިން ނަތީޖާގެ ފަރަގު ކުޑަ ކުރި ނަމަވެސް މެޗުގެ އޮއިވަރަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އާސެނަލް އިން ނިންމާލީ ކޮންޓްރޯލުގަ އެވެ.

"މިއީ ހާއްސަ ދުވަހެއް. މިއަދު މި ދައްކައިދިނީ އާސެނަލް އަށް ކުޅެވޭނެ ލެވެލްގެ މިސާލެއް. މިއީ ސަޕޯޓަރުންނަށް ހޯދައިދިން މޮޅެއް. އާސެނަލް އެންމެ ދަށް ހާލަތުގައި އޮތްއިރުވެސް އެ ސަޕޯޓަރުން ތިބީ ޓީމާއެކު. އެހެންކަމުން މިހާރު އެވަނީ ހާއްސަ ގުޅުމެއް ގާއިމުކުރެވިފައި،" ރޭގެ މެޗަށްފަހު ކޯޗު މިކޭލް އާޓެޓާ ބުނެފައިވެ އެވެ.

ސީޒަންގެ ފުރަތަމަ ތިން މެޗުގައި ގޯލެއް ނުޖެހި އާސެނަލް ބަލިވި ނަމަވެސް އިންޓަނޭޝަނަލް ބްރޭކަށްފަހު އާސެނަލް ވަނީ ފޯމު ރަނގަޅު ކޮށް، ޖެހިޖެހިގެން ތިން މޮޅު ހޯދައިފައެވެ. އެޓީމަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކުން ވެސް އަރައިގަނެ، މިހާރު ފެންނަނީ ފޯމު ރަނގަޅު ޓީމެއްގެ ގޮތުގައެވެ.