Close
ލައިފް ސްޓައިލް

ގެންގުޅޭ ބިޓުންގެ އަދަދު މުހިންމުތަ؟

ކައިވެންޏަކާ ހަމަޔަށް ދިއުމުގެ ކުރީން ރައްޓެހި ވެގެން އުޅޭ މީހާ ދަސްކުރުމަކީ މިހާރުގެ ކުދީން މާ ބޭނުންވާ ކަމެކެވެ. ރާއްޖެ އަކީ "އެރޭންޖް މެރިޖް" ނޯންނަ ތަނެކޭ ބުންޏަކަސް މުޅީން ދޮގަކަށް ނުވާނެ އެވެ. މައިންބަފައިން މީހަކު ދެއްކިޔަސް، ދަރިފުޅު އެމީހަކާ އިންނާނީ އަމިއްލަ އަށް ގަޔާވެއްޖެ ނަމަ އެކަންޏެވެ. ކަމު ހިނގައްޖެއްޔާ އެވެ. މިއީ ލަވް މެރިޖުގެ ގައުމެކެވެ.

ވަރަށް ގިނަ ޒުވާނުންގެ އަދި ޓީނޭޖާސްގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ ކައިވެންޏާ ހަމަޔަށްދާ އިރު ވެސް ލޯބިވެރިޔާ ދަސްނުވުމެވެ. ގިނަ ދުވަސް ވާންދެން އެކަކާ ރައްޓެހިވެގެން އުޅެނީ ދަސްވޭތޯ އެވެ. އެކަމަކު އެކަމެއް ނުވެ އެވެ. ފަސް އަހަރު ނޫނީ 10 ވަރަކަށް އަހަރު ވާންދެން އެކުގައި އުޅެފައި ވެސް ބައެއް މީހުން ކަައިވެނި އެބަ ކުރެ އެވެ. ކައިވެނި ކުރާ އިރަށް "ލޯބިވެރީން" ކަން ކެނޑި"ދެމަފިރީން"ނަށް ބަދަލުވެ އެވެ. އެހައި ހިސާބުން ކުރީން އޮތް ލޯބި އެ ގޮތުގައި ނޯންނަތަން ފެނެ އެވެ. މިހެން ވަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާލު ކުރެ އެވެ. އެކަމުގައި ސާފު ޖަވާބެއް ނެތެވެ. އެއީ ހާލަތާ މީހާ އާއި އަދި އެނޫން ވެސް ގިނަ ސަބަބުތަކާ ގުޅިފައި އޮތް ކަމެކެވެ.

މިހާރުގެ ބައެއް ކުދީންގެ ގަބޫލުކުރުމަށް ވަނީ، އަދި ފެޝަނަކަށް ވެފައި ވަނީ އެކަކަށްވުރެ ގިނަ މީހުންނާ އެއްފަހަރާ ރައްޓެހި ވުމެވެ. މިއީ ތަހުޒީބީ މުޖުތަމައުތަކުގައި އޮންނަ ނާތަހުޒީބީ ކަމެއް ކަމަށް ބުނެވިދާނެ އެވެ. އެހެނީ ކޮންމެ ގުޅުމެއްގެ ވެސް އެންމެ މާތް ސިފައަކީ އެ ގުޅުމުގައި އޮންނަ އިހުލާސްތެރިކަމާއި ތެދުވެރިކަމެވެ. ވަފާތެރިކަމާއި ލޯތްބެވެ. އެއް ފަހަރާ އެތައް ބަޔަކާ ހިތާވެގެން އުޅޭ ނަމަ މި ސިފަތައް ތިބާގެ ފުށުގައި ހުންނާނޭ ގޮތެއް ނޯންނާނެ އެވެ. ގިނަ ފަހަރަށް މި ފަދަ ކަންކަން ހިންގާނީ "ވަގަށެވެ.

އެކަކަށް ވުރެ ގިނަ ބިޓުން ގެންގުޅޭ މީހުންގެ އާގިއުމެންޓަކީ އެންމެ މީހަކާ އެކު އެތައް އަހަރެއް ވާންދެން އެކުގައި އުޅުމަށް ފަހު އިންނަ އިރު ވެސް އެމީހާ ދަސްނުވެ ހަޔާތުން އަހަރުން ތަކެއް ބޭކާރު ވުމެވެ. އެހެންވީމާ އެކަކާ ރައްޓެހިވެގެން އުޅުމުގެ ބަދަލުގައި ދަސްކުރުމުގެ ބޭނުމަށް އެއަށްވުރެ ގިނަ ޗޮއިސް އިހުތިޔާރު ކުރަނީ އެވެ. ދޭއް ނުވަތަ ތިން ބިޓުން ވެސް ގެންގުޅެނީ އެވެ. ޗޮއިސް ބޮޑުކުރަނީ އެވެ. ބެސްޓް ޗޮއިސް "ޗޫސް" ކުރާން ފަސޭހަ ކުރުމުގެ ނަމުގަ އެވެ. އޭރުން ގިނަ މީހުން އެއްފަހަރާ ދަސްވެ ރަނގަޅު މީހަކު އިހުތިޔާރު ކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް މި މީހުން ދެކެ އެވެ.

އެކަމަކު ވިސްނައިލަން ޖެހޭ ހަގީގަތަކީ، ޒަވާޖީ ހަޔާތަށް މީހަކު ގެންނަ ނަމަ، އެންމެ މުހިންމު ކަމަކީ ތެދުވެރިކަން ކަމެވެ. ވަފާތެރިކަން ކަމެވެ. ދަސްކުރާން ޖެހެނީ އެމީހާގެ ހިތްހެޔޮކަމާއި ހަރުދަނާ ކަމާއި އާއިލީ ގުޅުންތައް ދެމެހެއްޓުމުގައި ގެންގުޅޭ އުސޫލުތަކާއި ގެވެހި ވައްޓަފާޅި އެވެ. އަހަރެމެންނަށް ކައިވެންޏަށް ރަނގަޅު މީހާ ނުލިބޭ މައިގަނޑު ސަބަބަކީ، ކައިވެނީގެ ކުރީން އެމީހާގެ ފުށުން މި ކަންކަން ދެނެގަންނާން މަސައްކަތް ނުކުރާތީ އެވެ. މި ސިފަތަކުން އެމީހާ ފާސް ނުވިޔަސް، ދެން "ބްރޭކްއަޕް" ވާން ހިތް ނޭދޭތީ އިންނާތީ އެވެ. ކައިވެނިތައް ރޫޅެނީ މިހެންވެ އެވެ. ބައިވެރިޔާގެ ފުށުގައި ހުރީ ޒަވާޖީ ހަޔާތަށް ފަހު އެކުގައި ނޫޅެވޭނެ ސިފަތަކެއްކަން މާކުރީން ވެސް އޮންނަނީ އެނގިފަ އެވެ. އެކަމަކު "މެރީ" ކުރަނީ ފަހުން ރަނގަޅު ވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެންމެ ފަހުން ކައިވެނި ރޫޅިގެން ދަނީ ދަރީން ފައްޗެއް ވެސް ލިބޭ ފަހުންނެވެ. ދެމަފިރީންގެ ހަޔާތް ވެސް ބަރުބާދު ވީ އެވެ. ކުށެއް ނެތް، މައުސޫމް ކުދީން ކޮޅު ޔަތީމުވެ ނިކަމެތި ވީ އެވެ. ވިހައި ދޫކޮށްލެވެނީ ގައުމުގައި މޫލައި ދެމިގެން އަންނަ އިޖުތިމާއީ މައްސަލަތަކުގެ ތެރެއަށް އިތުރު ދިރުމެކެވެ.

މައްސަލަތަކުގެ ހައްލަކީ އަސްލު ގަބޫލު ކުރުމެވެ. ކައިވެނީގެ ކުރީން އެކަކާ އެކު އުޅުނަސް އަދި އެއަށްވުރެ ގިނަ މީހުން ވިޔަސް، މުހިންމީ ޒަވާޖީ ހަޔާތެއްގައި ހުންނާން ޖެހޭ ސިފަތައް އޭނާގެ ކިބައިން ހޯދުމެވެ. އެ ސިފަތައް ނޯޓު ކުރާށެވެ. މިހާރު ތި ބެލެނީ ތިމާ "ޑިނާ" އަށް ގެންދޭތޯ އެވެ. އަގު ބޮޑެތި ހަދިޔާ ދޭތޯ އެވެ. ސްނެޕް ކުރޭތޯ އެވެ. ނޫނީ ގޮވައިގެން ފިނިބުރު ޖަހަން ދޭތޯ އެވެ. އަދި މި ނޫންވެސް މިފަދަ ކަންކަމެވެ. ކައިވެންޏަށް ފަހުގެ ދިރިއުޅުމުގެ ސިފަތައް ދަސްކުރާކަށް ނޫޅެވެ އެވެ. ހަނދާން ކުރާން ޖެހޭ ހަގީގަތަކީ ކައިވެނީގެ ފަހުގެ ދިރިއުޅުމަކީ މުޅީން ތަފާތު ދިރިއުޅުމެއް ކަމެވެ. އެ ދިރިއުޅުމުގައި ގިނައީ ޒިންމާ ތަކެވެ. ދެ ފަރާތުގެ އާއިލީ ޒިންމާ އެވެ. ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑު ކުރުމުގެ ޒިންމާ އެވެ. ދީނީ ރަނގަޅު ގޮތަށް އުޅެ، އެ ގޮތުގެ މަތީން ނަމޫނާ ދެއްކުމުގެ ޒިންމާ އެވެ. ކަމެއް ނުކޮށް، މައިންބަފައިންގެ ތައްޕާހުން އުޅުމުގެ ބަދަލުގައި، އަމިއްލައަށް ފައިމައްޗަށް ތެދުވެ މުރާލިކަމާ އެކު މަސައްކަތް ކޮށް، އަމިއްލައަށް ހޯދާ ރިޒުގުން އާއިލާ ބެލެއްޓުމުގެ ޒިންމާ އެވެ. ގޭތެރޭގެ ޒިންމާތަކެވެ.

މިހެން ގޮސް އެތައް ކަމެކެވެ. ދެން ނިކަން ވިސްނައިބަލާށެވެ. މި ލިސްޓުގައި ހުރި ކަންކަން ދެބައި ކުރި އިރު، ރައްޓެހި ވެގެން އުޅުނު ބިޓުގެ ކިބައިން ހޯދީ ކޮން ކަމެއް ހެއްޔެވެ؟ ކައިވެނީފެ ކުރީގެ ސިފަތައް ހެއްޔެވެ؟ ނޫނީ ފަހުގެ ޒިންމާތައް ހެއްޔެވެ؟ މުހިއްމީ ބިޓުންގެ އަދަދެއް ނޫނެވެ. ހަޔާތް އާރާސްތު ކުރުމުގެ ހެޔޮ ވިސްނުމެކެވެ.