ހުޅުމާލޭ ދެވަނަ ފޭސްގައި ސެލްފް ސާވިސް ފިއުލް ސްޓޭޝަނެއް ގާއިމުކުރުމަށް ވިލާ ހަކަތައާ ހަވާލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފޭސްގައި ސެލްފް ސާވިސް ފިއުލް ސްޓޭޝަން ގާއިމުކުރުމަށާއި އަދި އޮޓަމޭޓެޑް ކާރު ދޮންނަ ފެސިލިޓީއެއް ގާއިމުކުރުމަށް ވިލާ ހަކަތައާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން އެ މަސައްކަތް ވިލާއާ ހަވާލުކޮށްފައިވަނީ އެ މަސައްކަތްކުރުމަށް ބިން ހަވާލުކުރާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ފެސިލިޓީގެ މަސައްކަތް ނިންމާ ގޮތަށެވެ.
ސެލްފް ސާވިސް ފިއުލް ސްޓޭޝަނާއި އޮޓަމޭޓެޑް ކާރު ދޮންނަ ފެސިލިޓީއަކީ، އެތަންތަނުން އެމީހަކު އަމިއްލައަށް ކޮންމެ ގަޑިއެއްގައިވެސް ގޮސް ހިދުމަތް ލިބިގަންނަ ގޮތަށް ހުންނަ ތަންތަނެވެ.
ސެލްފް ސާވިސްގެ ހިދުމަތްތަކާއެކު އެއްފަހަރާ 22 ވެހިކަލަށް ހިދުމަތް ދެވޭނެ ޝެޑެއް މާލޭގައި ހެދުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
އެ މަސައްކަތްތަކާ ގުޅޭގޮތުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މީގެ ކުރިން ވިދާޅުވީ އެ ޝެޑްގެ ކުރެހުންތައް ކުރަހައި މިހާރު ނިމިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި ބިންގާ އެޅިގެންދާނެ ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވަގުތީ ޕެޓްރޯލް ޝެޑާ އިންވެގެން އެތަންވެސް ހިމެނޭ ގޮތަށް އަލަށް ހަދާ ޕެޓްރޯލް ޝެޑް މިހާރު ހުރި ތަންތަނަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު