މިއަދު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބަލިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުންގެ 97 ގޮނޑީގެ ތެރެއިން މިހާތަނަށް 65 ގޮނޑި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުން ކާމިޔާބުކޮށްފައެވެ. އެމްޑީޕީގެ ދާއިރާތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހުގެ ފެކްޝަނަށް ވަނީ ގައުމީ މަޖިލީހުގެ 67 ޕަސެންޓް ގޮނޑި ކަށަވަރުވެފައެވެ.

އިންތިހާބުން ގައުމީ މަޖިލީހަށް ހޮވޭނީ ސިޓީތަކުގެ ހަތަރު ރައީސުންނާއި ޕްރޮވިންސްތަކުގެ ހަ ރައީސުން ހިމެނޭ ގޮތަށް ދާއިރާތަކުގެ ހުރިހާ ރައީސުންނެވެ. އޭގެ އިތުރުން އެމްޑީޕީގެ ވެރިކަމެއް ނަމަ، ރައީސުލްޖުމްހޫރިއްޔާ އާއި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުން ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރާއި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. މިއީ ދެ ފެކްޝަނަށް އެމްޑީޕީ ބެހުނު ފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ. މިއީ އެމްޑީޕީގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ވާދަވެރި އެތެރޭގެ އިންތިހާބެވެ.

މި އިންތިހާބުގައި ރައީސަށް ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމުން، ރައީސް ނަޝީދުގެ ކޮންޓްރޯލް ގައުމީ މަޖިލީހުން މިވަނީ ގެއްލިފައެވެ. އަދި އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބުވެސް ކާމިޔާބުކުރެއްވީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ވަޒީރުންވެސް ވަނީ ދާއިރާ ކާމިޔާބުކުރައްވައިފައެވެ. އެގޮތުން އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި މިނިސްޓަރު ފައްޔާޒު ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެމްޑީޕީގެ މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކޮށް ކާމިޔާބު ހޯއްދަވައިފައެވެ. އަދި އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އިންތިހާބުވެފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރެއްވި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެފައެވެ. އެގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރެއްވިއިރު، ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ ގައްދޫ ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެފައެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ބިލެތްދޫ ދާއިރާގެ ރައީސްކަން ކާމިޔާބުކުރައްވައިފައެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ތިނަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ވާދަކުރައްވައި ކާމިޔާބު ކުރައްވާފައިވާ އިރު، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްވެސް ފޮނަދޫ ދާއިރާގެ ރައީސްކަމަށް އިންތިހާބުވެފައެވެ. ކުޑަހުވަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި އެޗްޑީސީގެ މިހާރުގެ ސީއޯއޯ ޝާތިރު އަބްދުއްރަހުމާނުވެސް ވަނީ އިންތިހާބުވެފައެވެ.

މި އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރިއެވެ. ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 93،000 އަށްވުރެ ގިނަ މެންބަރުންނަށް ލިިބުނެވެ. ނަމަވެސް ވޯޓު ލާފައިވަނީ ކިހާ އަދަދެއްގެ މެމްބަރުންނެއް ކަމެއް ސާފެއް ނުވެއެވެ.